28 Sep 2012, 13:53
ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރި ސިޔާސީ ހަރަކާތްތައް ބޭއްވޭނެ މާހައުލެއް ކަށަވަރުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ.
މިއަދު ބާއްވާ އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒަށް އިލެކްޝަނުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެކޮމިޝަނަށް އެމްޑީޕީން ސިޓީއަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީން "ސުލްހަވެރިކަމާ އެކު" ސިޔާސީ ހަރަކާތްތައް ހިންގަމުންދަނިކޮށް އެ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ގަވާއިދާ ޚިލާފަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅައި އެ ޕާޓީގެ ބައެއް ތަކެތި އަތުލައި އެތަކެތި އަނބުރައި ދީފައިނުވާ އިރު، ގާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހައްގުތައް ފުލުހުން ނިގުޅައިގަނެފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
އިލެކްޝަނުން ބުނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަހަމަކަމާ އެކު އަމަލުކުރުމުގެ މިންގަނޑުން އެއްކިބާ ނުވެ މަސައްކަތް ކުރުމަށާއި އަދި ފުލުހުންގެ ގާނޫނުން ބަޔާންކޮށްފައިވާ ބާރުތައް އިމުގެ ތެރެއިން ބޭނުން ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރި ސިޔާސީ ހަރަކާތްތައް ބޭއްވޭނެ މާހައުލެއް ކަށަވަރުކޮށް ދިނުމަށް އެދި އެމްޑީޕީން ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ވެސް ފުލުހުންނަށް ވަނީ އިލެކްޝަނުން ފޮނުވާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިލެކްޝަންގެ ސިޓީ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެސިޓީއާ ގުޅޭ ގޮތުން އިތުރު އެއްޗެއް ވިދާޅެއްނުވެ އެވެ.