28 Sep 2012, 13:28
ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ޝެޑިއުލްކޮށްފައިވާ ދުވަހު، އެމްޑީޕީ އިން ދެކުނަށް ކުރުމަށް ރާވާފައިވާ ދަތުރުގައި މުހަންމަދު ނަޝީދު ގަދަކަމުން ވެސް ގެންދާނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ.
މިއަދުގެ މުޒާހަރާ އަށް ތައްޔާރުވުމަށް އެމްޑީޕީން ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ ދިވެހި ރާއްޖޭގައި އުފެދިފައިވާ އެއްވެސް ކޯޓަކުން އެމްޑީޕީ އަށް އިންސާފު ލިބިދާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި އިންސާފު ނުލިބޭ ތަނަކަށް ދިއުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
"އަންނަ މަހުގެ އެއްވަނަ ދުވަހު އަޅުގަނޑުމެން ދެކުނަށް ކުރާ ދަތުރުގައި ނަޝީދު ބައިވެރިވެ ވަޑައި ގަންނަވާނެ، ނަޝީދު އެ ދަތުރަށް އަރުވާނި ޕާޓީގެ މެމްބަރުން ނިކުމެ، އަޅުގަނޑުމެން މިތިބީ ނަޝީދު ދަތުރަށް އަރުވަން ތައްޔާރު ވެގެން. ނަޝީދުގެ ރިޔާސީ ކެނޑިޑެންސީ ގެންލޭކަށް އަޅުގަނޑުމެން ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް ދުލެއް ނުކުރާނަން. ނަޝީދު އާ އެކު ޖަލަށް ދާންވެސް މިތިބީ ތައްޔާރަށް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އެހެން ވިދާޅުވީ އިރު އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ. އެ ޗިޓާ ނަޝީދު މިހާރު ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އަދި ކޯޓުން އަމަލުކުރާ އާންމު އުސޫލުގެ ދަށުން އެ މައްސަލަ ޝެޑިއުލްކޮށްފައި އޮތުމުން ކޯޓުގެ ހުއްދައެއް ނެތި ނަޝީދު މާލެއިން ބޭރަށް ވަޑައިގަތުން ކޯޓުން ވަނީ މަނާވެސް ކޮށްފަ އެވެ.
އަސްލަމް އަދި ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނުނިކުމެ ތިބެއްޖެ ނަމަ ރައީސް ނަޝީދުގެ ރިޔާސީ ކެންޑިޑެންސީ ގެއްލޭނެ ކަމަށާއި އަދި އެ ޕާޓީގެ ޕާލިމެންޓް މެމްބަރުން ވެސް ގެއްލި، ޕާޓީގެ ފިކުރަށް ފަސްއެޅި ފޮރުވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު އެ ޕާޓީން މަގުތަކަށް ނިކުންނާނެ ކަމަށާއި އެ މުޒާހަރާގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށެވެ.