28 Sep 2012, 12:05
މުޒާހަރާ ކުރުމުގެ މިނިވަންކަން ރާއްޖޭގައި ދީފައި އޮންނަނީ ދުނިޔޭގެ ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި އެ ފުރުސަތު ނުދޭ މިންވަރަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އޮސްޓްރޭލިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ކޮމިޝަނާ ވިދާޅުވީ އޮސްޓްރޭލިޔާ ފަދަ ޑިމޮކްރެސީގެ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އާންމުކޮށް މީހުން ހިނގާ ބިނގާވެ އުޅޭ މަގުތަކާއި، ވިޔަފާރިކުރާ ސަރަހައްދު ތަކުގައި، މުޒާހަރާ ކުރުން އޮންނަނީ މަނާކޮށްފައި ކަމަށެވެ.
ކޮމިޝަނާ ވިދާޅުވީ ރާއްޖޭގައި މުޒަހަރާ ކުރުމުގެ ކަންތައް އޮންނަގޮތް ބޭރު ގައުމުތަކުގެ ކޮމިޝަނަރުންނަށް ހިއްސާ ކުރެއްވި ކަމަށާއި، ރާއްޖޭގައި މުޒާހަރާ ކުރާގޮތް އެނގުމުން އެބޭފުޅުންވެސް ތިބީ އެކަމާއި ހައިރާންވެފައި ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ކަންތައްތައް އޮންނަގޮތް ރާއްޖޭގެ ރައްޔިތުންނަށް ކިޔައިދީ، މިފަދަ ކަންކަމަށް ދިވެހިން ހޭލުންތެރިކުރަން ޖެހިފައިވާކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
''މިސާލަކަށް މީހުން ދަތުރުކުރާ މަގެއްގައި މުޒާހަރާއެއް ނުކުރެވޭ އޮސްޓްރޭލިޔާގައި. މި އެއްޗިހިތަކަކީ އާންމުނަށް ހޭލުންތެރި ކުރެވެންޖެހޭނެ ކަންތައްތައް. އެއްވެސް ބަޔެއްގެ ވިޔަފާރި ހުއްޓުވޭގޮތަކަށް އެހެން ބަޔަކަށް އަމަލެއް ނުކުރެވޭނެ. މިއީ އެންމެ ޑިމޮކްރެޓިކް ސޮސައިޓީތައް،'' ކޮމިޝަނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންވާ މުހިންމު ގާނޫނުތަކެއް މަޖިލީހަށް ހުށަހެޅިފައި އެބަހުރި ކަމަށާއި އެ ގާނޫނުތައް ފާސްވުމުން ފުލުހުންގެ މަސައްކަތަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ.
"ސިޔާސީ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް އެއީ ކޮންމެ ފަރާތަކުން ކުރައްވާ މަސައްކަތްތައް ކަމަށް ވިޔަސް ކޮންމެ ބަޔަކަށް ގާނޫނީ އިމުން އެ އޮންނަ ހައްގުތައް ހިމާޔަތްކޮށްދޭނަން އަޅުގަނޑުމެން. މުޒާހަރާ ކުރަންވީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަންތައް ކުރަންވީ. މުޒާހަރާތަކާ ބެހޭގޮތުން އަޅުގަނޑު މައުލޫމާތު ހިއްސާ ކުރިން. ކޮމިޝަނަރުންނާއި ބައްދަލުކޮށް ވާހަކަދެއްކިން އެބޭފުޅުން ތިބީ ހައިރާންވެފަ ރާއްޖޭގައި އެކަން އޮންނަ މިންވަރު ބަލާފަ،" ކޮމިޝަނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ފުލުހުންގެ އާ ގާނޫނެއް މަޖިލީހަށް ހުށަހެޅުއްވި ކަމަށްޓަކައި ކޮމިޝަނާ ވަނީ އޭނާއަށް ޝުކުރު އަދާކުރައްވާފަ އެވެ.