28 Sep 2012, 11:45
ވާދަވެރި ވިޔަފާރީގެ މާހައުލެއް ބިނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ކުންފުއްޔާ ބެހޭ ގާނޫނާއި ޓެކްސްގެ ނިޒާމް އަދި ވިޔަފާރީގެ ގޮތުން ދޭންޖެހޭ އިދާރީ ހުއްދަތަކުގެ އޮނިގަނޑުތަށް ރިވިއު ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓާ އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކޮންސިއުމާ ފެއާ ހުޅުވުމުގެގޮތުން އިއްޔެ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓާ ވިދާޅުވީ
އިގްތިސާދީ ސިޔާސަތުގެ ގޮތުގައި ގެންގުޅޭ އެންމެ މުހިންމު އެއް އަސާސަކީ އަމިއްލަ ވިޔަފާރިތަށް ފުޅާކުރުން ކަމަށާއި އެގޮތުން ވާދަވެރި ވިޔަފާރީގެ މާހައުލެއް އުފެއްދުމަށް ސަރުކާރުން ކުރަން ޖެހޭ ކަންތައްތަށް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކުންފުއްޔާ ބެހޭ ގާނޫނު ޓެކުސްގެ ނިޒާމް އަދި ވިޔަފާރިއާ ބެހޭ އެކިއެކި ހުއްދަތަށް ދިނުމުގެ އިދާރީ އޮނިގަނޑުތަށް މިދަނީ ރިވިއުކުރަމުން އަދި ދުރުނޫން މުސްތަގުބަލެއްގައި މިކަންކަމަށް ގެންނަންޖެހޭ ހެޔޮބަދަލުތަށް ގެންނަން މަސައްކަތް ކުރަމުންދަނީ" އިކޮނޮމިކް މިނިސްޓާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ދުނިޔޭގެ ވިޔަފާރިތަށް ކުރި އަރަމުން އަންނައިރު ރާއްޖޭގެ ވިޔަފާރިތަށްވެސް އެހެން ގައުމުތަކާ އެއް ހަމައެއްގައި ގާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދުނިޔޭގައި ތަހުޒީބް ވެފައިވާ ގައުމުތަކުން ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފާފަދައިން ރާއްޖޭގައިވެސް ޓެކްނޮލޮޖީ ބޭނުން ކުރާވަރު އިތުރުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.