28 Sep 2012, 11:11
ވޮޝިންގްޓަން (ސެޕްޓެމްބަރ 28) : ކީރިތި ރަސޫލާ އަށާއި އިސްލާމްދީނުގެ ޢަޤީދާއަށް އިހާނާތްކޮށް ޖެއްސުންކުރުމުގެ ގޮތުން ފިލްމު އުފެއްދި މީހާ އެހެން މަައްސަލައެއް ގައި އެމެރިކާގެ ޤާނޫނާ ޚިލާފުވެގެން އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
އުމުރުން 55 އަހަރުގެ ބާސިލީ ނަމަކަށް ކިޔާ މިސްރުގެ ނަސާރާ ދަރިކޮޅުގެ މި މީހާ އަކީ ފައިސާގެ މައްސަލާގައި މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވެގެން އެމެރިކާގެ ޖަލެއްގައި ހައްްޔަރުކޮށްފައިވާ މުޖްރިމެކެވެ. ކެލިފޯނިޔާގެ ފުލުހުން އިއްޔެ އޭނާ ހަައްޔަރުކޮށްފައިވަނީ އިސްލާމް ދީނަށް ބަދުބަސް ބުނާ ފިލްމު އުފެއްދުމުގެ ކުރިން އޭނާ ހިންގާފައިވާ މިޖަރީމާއާ ގުޅިގެން ޖަލުގައި ހައްޔަރުކޮށްފައިވަނިކޮށް ޕެރޯލްގެ އުސޫލުން ދޫކޮށްލާފައި ހުއްޓާ ޕެރޯލްގެ ޝަރުތާ ޚިލާފުވިކަން ސާބިތުވުމުންނެވެ. ޕެރޯލްގެ ޝަރުތާ ބާސިލީ ޚިލާފްވީ އިންޓަނެޓް ބޭނުންކޮށްގެން ކަމަށާއި އިންޓަނެޓް ބޭނުން ނުކުރުމަކީ އޭނާ ޕެރޯލްގެ ދަށުން މިނިވަންކުރި ޝަރުތުތަކުގެ ތެރޭން ޝަރުތެއްކަމަށް ޚަބަރު ލިބެ އެވެ.
އަނެއްކޮޅުން އިސްލާމް ދީނަށް ބަދުބަސްބުނާ ފިލްމު "އިނޮސެންސް އޮފް މުސްލިމްސް" ގައި ބަތަލާއެއްގެ ބައި އަދާކުރި އެމެރިކާގެ އަންހެންމީހާ ސިންޑީ ލެގާސިޔާ ވަނީ ބާސިލީ އޭނާއަށްވެސް މަކަރާއި ޙީލަތްހެދިކަމަށްބުނެ ބާސިލީގެ މައްޗަށް ކޯޓުގައި ދަޢްވާއުުފުލާފަ އެވެ. ސިންޑީ ލެގާސިޔާ ވަނީ ގޫގަލް ކުންފުންޏާއި ޔޫޓިއުބް އާ ދެކޮޅަށްވެސްް މިމައްސަލާގައި ދައުވާ އުފުލާފަ އެވެ. (ނޫސްއެޖެންސީތައް)