28 Sep 2012, 11:02
ނިޔުޔޯކް (ސެޕްޓެމްބަރ 28): އދ ގެ މަޖިލީހުގެ ފުރިހަމަ މެންބަރަކަށް ވުމަށް ފަލަސްތީން ކުރަމުންގެންދާ މަސައްކަތަށް އިސްރާއީލުން ހުރަސްއަޅައި ފަލަސްތީނުގެ ވެރިކަމުގެ އިދާރާ އާއި މިނިވަން ދައުލަތް ވުޖޫދުން ފުހެލުމަށް އިސްރާއީލު މަސައްކަތްކުރާ ކަމަށް ރައީސް މަޙްމޫދް ޢައްބާސް ވިދާޅުވެއްޖެ އެވެ.
އދ. ގެ ޖެނެރަލް އެސެމްބަލީގައި ތަޤްރިރުކުރައްވަމުން ޢައްބާސް ވިދާޅުވީ 1948 ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދުމާގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވި ބޮޑު މުސީބާތް ކަމަށްވާ ނަކްބާއަށްފަހު އިސްރާއީލުން މިއަދު މަސައްކަތްކުރަނީ މިފަދަ އެހެން ނަކްބާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ގެނައުމަށް ކަމަށެވެ. ދެވަނަ ބޮޑު މުސީބާތް (ދެވަނަ ނަކްބާ) ފަލަސްތީނުގެ ރައްޔިތުންނަށް ގެނައުމަށް އިސްރާއީލު މަސައްކަތްކުރަނީ 1967 ގެ ހަނގުރާމައިގާ ހިފާފައިވާ ބިންތަކުންވެސް ނުފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނުދީ އދ. ގެ ފުރިހަމަ މެންބަރަކަށްވުމަށް ފަލަސްތީނުންކުރާ މަސައްކަތްތަކަށް ހުރަސްއަޅައިގެން ކަމަށް ޢައްބާސް ވިދާޅުވި އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އިސްރާއީލުގެ މަޤްސަދަކީ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އިސްތިޢްމާރުގެ ދަށުގައި ބިކަކޮށް އަޅުވެތިކޮށްފައި އަބަދަށް ބޭތިއްބުން ކަަމަށްވެސް ޢައްބާސް ވިދާޅުވި އެެވެ. ޢައްބާސްގެ ވާހަކާގައި 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވައިގެން އެބިންތައް ދާއިމިގޮތަކަށް އަތްދަށުލުމަށް އިސްރާއީލު ހިންގާ ޣައިރު ޤާނޫނީ ޙަރަކާތްތަކުގެ މައްޗަށްވެސް ބައްލަވާލެއްވި އެވެ. އަދި ހިފާފައިވާ ބިންތަކުގައި ޣައިރު ޤާނޫނީ ގޮތުން އިސްރާއީލު ވަޒަންވެރިކުރުވާފައިތިބޭ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ޖެއްސުންތަކާއި ހިންގާ އަނިޔާވެރި ޢަމަލުތަކާއި ހިންގަމުން ގެންދާ މީހުން މެރުމުގެ ޖަރީމާތަކުގެ މައްޗަށް ބައްލަވާލައްވަމުން މިޖަރީމާތައް ހިންގުމަށް ޔަހޫދީ ވަޒަންވެރިންނަށް މަގުފަހިކޮށްދެނީ އިސްރާއީލުން ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީއަށް އިސްރާއީލު ޙަމަލާދީ މީހުން މަރައި ބޭނުން މީހަކު ޝަރީޢަތަކާނުލާ ހިފައި ހައްޔަރުކޮށް ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް އިސްރާއީލު އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ކޮންމެ ދުވަހަކު އިސްރާއީލު ހިންގަމުންގެންދާ ޖަރީމާތަކާބެހޭގޮތުން ޢައްބާސް ވާހަކަ ދެއްކެވި އެވެ. އަދި އިސްރާއީލުގެ ސަބަބުން ސުލްޙައިގެ ވާހަކަތައް ހުއްޓިފައިވާއިރު 18 އަހަރުވަން އިސްރާއީލާއެކު ދެއްކި ސުލްޙައިގެ ވާހަކަތައްވެސް ކޮޅެއްގައި ނުޖެހި ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވި އެވެ. (އަލްޖަޒީރާ)