ވެސްޓަން އޮސްޓްރޭލިއާގެ ފުލުހުންނާއި މެލޭޝިޔާގެ ފުލުހުންވެސް ދިވެހި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޮމިޝަނާ ވިދާޅުވީ ދިވެހި ފުލުހުންނަށް ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ އެހީތެރިކަން ހޯއްދަވައި ދެއްވުމަށް އެ ދަތުރުފުޅުގައި މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެގޮތުން އެ ގައުމަށް ދިވެހި ފުލުހުން ޓްރޭނިންއަށް ފޮނުވުމަށް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި ފުލުހުންގެ ބައެއް ކަންތައްތައް ތަރައްގީ ކުރުމަށް ވެސްޓަން އޮސްޓްރޭލިޔާގެ ފުލުހުންގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ކޮމިޝަނާގެ މި ދަތުރުފުޅުގައި ވެސްޓަން އޮސްޓްރޭލިޔާގެ ކޮމިޝަނާ އޮފް ޕޮލިސް އަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި، އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންހާ އަވަހަކަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ވެސްޓަން އޮސްޓްރޭލިއާގައި ރާއްޖެ އާއި ދާދި އެއް މަސަލަތަކެއް މައިގަނޑު ގޮތެއްގައި ހުންނަނީ. ޑްރަގްސް އަކީ ވެސްޓަން އޮސްޓްރޭލިއާގަ ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެވޭ އެއްކަން. އަޅުގަނޑުމެންނަށް އެމީހުނެގެ ފަރާތުން އެކްސްޕަޓީސް ހޯދޭނެ. ތަޖުރިބާ ލިބޭނެ ކަންތައްތަކެއް އެބަހުރި. މި މަސައްކަތްތަކުގެ ތެރޭގައި މިބެލީ ފޯމަލް ޓްރޭނިން އަށް ފުލުހުން ފޮނުވުން، އެއީ އެއްކަންތައް. ދެން ހަމައެއާ އެކު އަޅުގަނޑުމެން ބޭނުންވާ ބައެއް ސެކްޓާތައް ޑިވެލޮޕް ކުރުމަށްޓަކައި އެބޭފުޅުންގެ އެކްސްޕާޓުން ރާއްޖެ އަށް ގެނައުން. އަދި މި ދަތުރުގައި ވެސްޓަން އޮސްޓްރޭލިޔާގެ ކޮމިޝަނާ އޮފް ޕޮލިސް އަށް ވެސް އަޅުގަނޑު ދައުވަތު ދިނިން ރާއްޖެ ވަޑައިގަތުމަށް،" ރިޔާޒު ވިދާޅުވި އެވެ.

އެ ދަތުރުފުޅުގައި ރާއްޖެއަށް މިހާރުވެސް ތަމްރީނުގެ ފުރުސަތުތައް ލިބެމުން އަންނަ މެލޭޝިޔާގެ ޕޮލިސް އާއި ބައްދަލުކުރެއްވި ކަމަށާއި ފޮރެންސިކް ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޮރުކޮށްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

ވެސްޓަން އޮސްޓްރޭލިއާގެ ފުލުހުންނަކީ 2006 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވި ތަނެއްކަމަށް ފާހަގަކުރައްވަމުން ކޮމިޝަނާ ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު އެތަނާއި ފުލުހުންނާއި ދެމެދު އެއްވެސް ގުޅުމެއް އުފެދިފައި ނުވާކަމަށެވެ.