28 Sep 2012, 10:07
ރާއްޖޭގައި ވާދަވެރި ގިނަ ޕާޓީތައް ބައިވެރިވި އިންތިހާބު ބޭއްވިތާ ހަތަރު އަހަރުވީ އިރު ރަނގަޅުވީ ކޮން ކަމެއްތޯ ރައްޔިތުން ސުވާލުކުރަމުންދާ ކަމަށާއި ނަމަވެސް އަދި އެއްވެސް ކަމެއް ރަނގަޅު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އދ.ގެ އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރޭ ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީ މިހާތަނަށް ވެފައި ވަނީ ބައިބައިކުރާ ކަމަކަށް ކަމަށާއި އެހެން ނަމަވެސް އެއީ ޑިމޮކްރަސީގެ މައްްސަލައެއް ނޫން ކަމަކަށެވެ.
"ރާއްޖޭގައި އޮތް މަލްޓި ޕާޓީ ޑިމޮކްރަސީ މިހާތަނަށް ވެފައި ވަނީ ބައިބައިވުން އުފެދޭ ކަމަކަށް، އަދި ދެކޮޅުވެރިކަން އުފައްދާ ކަމަކަށް. އެއް ނަސްލެއްގެ އެއްބައެއް އުޅޭ މުޖުތަމައުގެ އިޖުތިމާއީ ފޭރާމާއި އާއިލާތައް ދަނީ އެކަމުގެ ސަބަބުން ހަލާކުވަމުން. ޕޮޕިއުލާ ވޯޓުން އިންތިހާބުވި ސިޔާސީ ލީޑަރުން އިހުތިޔާރު ކުރެއްވީ ގާނޫނަށްބޯ ނުލެނބުމަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެއީ ޑިމޮކްޓިކް ނިޒާމުގައިވާ އުނިކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ލިބަރަލް ޑިމޮކްރަސީއަށް ދަތުރުކުރާ މަގަކީ އަބަދުވެސް އަޑިގުޑަން މަކަށް ވުން ކަމަށެވެ.
ރާއްޖޭގެ ވެރިކަން މިދިޔަ ފެބްރުއަރީ މަހު ބަދަލުވެގެން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުން އަމަލުކު ކުރި ގޮތަށް ރައީސްގެ ތަގުރީރުގައި ފާޑުވިދާޅުވި އެވެ. އެގޮތުން ބައެއް ބޮޑެތި އަދި ކުދި ގައުމުތަކުން އެކަމުގައި މާ އަވަހަށް ގޮތެއް ނިންމި ކަމަށާއި ދާހިލީ ކަމެއްގައި ވަކި ފަރާތަކަށް ޖެހުން ކަމަށާއި އެކަމުގެ ސަބަބުން ގޯސްކޮށް އޮތް ހާލަތު އެއަށް ވުރެ ގޯސްވި ކަމަށް ވިދާޅުވި އެވެ.
ރައީސް ވަހީދު އަދި ވިދާޅުވީ ކުދި ގައުމުތަކުގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ބޮޑެތި ގައުމުތަކުގެ ދާހިލީ ސިޔާސީ ކަންކަމުގެ ތެރެއަށް ނުފޫޒުފޯރުވަން އޮތް ބަހަނާއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމުތަކުގެ މައްސަލަތައް ހައްލު ކުރުމުގެ އިހުތިޔާރު އެގައުމުތަކަށް ލިބެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ބައިނަލްއަގުވާމީ ގުޅުންތައް ވާނީ އެހީތެރިކަމަކަށް ކަމަށް. ހުރަހަކަށް ވުމަކަށް ނޫން،" ރައީސް ވަހީދު ވިދާޅުވި އެވެ.