28 Sep 2012, 01:41
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މީހުންގެ މެދުގައި ރުޅިވެރިކަން ފަތުރައި ހަމަނުޖެހުން ހިންގުމަށް އޮތް ބަހަނާއަކަށް ހަދައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އދ.ގެ ޖެނެރަލް އެސެބްލީގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އުފެއްދި ފިލްމު ރާއްޖެ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ދީނަށް ފުރައްސާރަކުރުމާއި މީހުން މެދުގައި ރުޅިވެރިކަން އުފެއްދުމަށް އޮތް ބަހަނާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް، ދާދިފަހުން އުފެއްދި ފިލްމު ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރޭ، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ދީންތަކަށް ފުރައްސާރަކޮށް، ރުޅިވެރިކަން އުފައްދައި، އިޖުތިމާއީ ހަމަނުޖެހުންތައް އުފެއްދުމަށް އޮތް ބަހަނާއަކަށް ވެގެންނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަމަނުޖެހުން ހިންގުމަކީ އެފަދަ ދަށު ދަރަޖައިގެ އަމަލަކަށް ޖަވާބުދޭން އޮތް ގޮތް ކަމަކަށް ރާއްޖެއިން ގަބޫލުނުކުރާ ކަމަށާއި އެކަމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ލީބިޔާގެ ބެންގާޒީގައި ހުރި އެމެރިކާ ކޮންސިއުލޭޓަށް ދިން ހަމަލާގެ ސަބަބުން އެމެރިކާގެ އެމްބެސެޑަރު އަވަހާރަވި ހާދިސާ ވެސް ކުށްވެރިކުރައްވާ ކަމަށެވެ. ފުރިހަމަ މެމްބަރެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް އދ. އާ ގުޅޭ ދުވަހަކީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ގައުމުތަކަށް ކުރިމަތިވާ މައްސަލަތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ވެސް ރައީސްގެ ތަގުރީރުގައި އަލިއަޅުއްވާލެއްވި އެވެ. އަދި ދުނިޔޭގެ ޖައްވަށް ކާބަން ބޭރުކުރާ މިންވަރު ދަށް ކުރެވޭނެ ގާނޫނީ އެއްބަސްވުމެއް އަވަހަށް ހޯދުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލެއްވި އެވެ.
"އެފަދަ އެގްރިމެންޓަކަށް އިތުރަށް އިންތިޒާރުކުރަން ދުނިޔެއަކަށް ގަބޫލެއްނުކުރެވޭނެ، އަދި އަޅުގަނުމެންނަށް އިތުރަށް އިންތިޒާރެއް ނުކުރެވޭނެ،" ކާބަން މަދުކުރުމުގެ އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވި އެވެ.
ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ވެސް އޭނާގެ ތަގުރީރުގައި ވާހަކަ ދެއްކެވި އެވެ. އެގޮތުން އެގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް އެގައުމުގެ ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރިންނަށް ވެސް ރައީސް ގޮވާލެއްވި އެވެ.