28 Sep 2012, 00:35
އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ކުއްޔަށް ދީފައި އޮތުމާއި ދެކޮޅަށް ސަރުކާރު ހިންގާ ޕާޓީތަކުން އާޓިފިޝަލް ބީޗަށްއެއްވެ މިރޭ އަޑުއުފުލައިފި އެވެ.
އެއާޕޯޓު ކުއްޔަށް ދީފައި އޮތުމާއި ދެކޮޅަށް އަޑު އުފުލަން މިރޭ 9:00 ޖެހީއިރު އާޓީފިޝަލްބީޗްގައި ސަރުކާރުގައި ހިމެނޭ ހަތް ޕާޓީއަކުން ބޭއްވި އެއްވުމުގައި މާގިނަ ބަޔަކު ބަިއވެރިއެއްނުވެ އެވެ.
މިރޭ ބޭއްވި އެއްވުގައި ބައެއް މިނިސްޓްރީތަކުގެ އިސްމަގާމުގައިތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ބައެއް މެންބަރުން ވަނީ ބޭރުގެ ބަޔަކަށް އެއާޕޯޓު ދިނުމާއި ދެކޮޅަށް އަޑު އުފުލާ ޖީއެމްއާރު އަތުން އެއާޕޯޓު ނެގުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
އޭގެ ތެރެއިން ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ޖީއެމްއާރާއި އެއާޕޯޓު ކުއްޔަށް ދީފައިވަނީ ވަކި ބައެއްގެ ފައިދާ ތަކަށް ކަމަށާއި އެކަން ކުރިމީހުނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މިރޭ ބޭއްވި އެއްވުމުގައި މީހުން މަދު ނަމަވެސް ކުރިއަށް އޮތްތަނުގައި މީހުން އިތުރުވާނެ ކަމަށާއި މިރޭ ބޭއްވި އެއްވުމަކީ ފެށުމެއް ކަމަށްވެސް މިރޭ އަޑު އުފުލި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
ހަމަހިމޭން ކަމުގައި އިހްތިޖާޖު ކޮށްގެން އެއާޕޯޓު ނުހޯދިއްޖެނަމަ އެއާޕޯޓަށް އަރައިގެން ގަދަ ކަމުންވެސް އެއާޕޯޓު ހޯދުމަށް ފަސް ނުޖެހޭނެ ކަމަށާއި މިއެއްވުގެ އިތުރު އެއްވުންތަކެއް ބާއްވާނެ ކަމަށްވެސް މިރޭ އެތަމުގައި އިއުލާންކުރި އެވެ.
އަދި ޖީއެމްއާރާއި ދެކޮޅަށް އަޑު އުފުލުމަށް ހިންގާ ހަރަކާތްތަކަށް ފައިސާ ހޯދުމަށް ފަންޑު ފޮޓެއް މިރޭ ވަނީ ހުޅުވާފަ އެވެ.
މިރޭ ބޭއްވި އެއްވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބައިވެރިވަޑައިގަތް ސޫއޫރުފާޅުކުރި ނަމަވެސް އެހެން ޕާޓީތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެން ޝުއޫރު ފާޅުކޮށްފައިނުވެ އެވެ. އަދި އެކަން ފާހަގަ ކުރައްވަމުން ޝައިހް އިމްރާން ވިދާޅުވީ އެއާޕޯޓް ހޯދަން ބޭނުން ކަމަށްވާނަމަ ޕާޓީތަކުގެ ލީޑަރުން އިސް ސަފުން ފެންނަން ޖެހޭ ކަމަށާއި އަދި ކުރިމަގުގައި ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި ހަރަކާތުގައި އިސްކޮށް އުޅުއްވި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ޖީއެމްއާރާ އެއާޕޯޓު ހަވާލުކުރުމުން ލިބެމުންދާ ގެއްލުން ހާމަކޮށްދިނުމަށް ފޯރަމެއް ވަރަށް އަވަހަށް ބޭއްވުމަށް މަސައްކަތްކުރާ ކަމަށެވެ. އެހެން ނަމަވެސް އެ ފޯރަމް ބާއްވާނެ ތާރީހެއް މިރޭ އިއުލާން ނުކުރެ އެވެ.