27 Sep 2012, 23:05
ރައީސް މުހަންމަދު ނަޝީދު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވީ ހުއްޓިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށޭނެ ގޮތްތަކަކާ މެދު މަޝްވަރާ ކުރެއްވުމަށް ކަމަށް ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހީމް ޒަކީގެ ގެ، ހ. ހުޅުގެލީގައި 45 މިނެޓަށް ހާއިރަށް މިރޭ ނަޝީދާ އެކު ކުރެއްވި އެ މަޝްވަރާތަކާ ގުޅޭ ގޮތުން ޔާމީން ސަން އޮންލައިނަށް ވިދާޅުވީ ނަޝީދާ ބައްދަލުކުރެއްވީ ނަޝީދުގެ އެދިވަޑައިގަތުމަކަށް ކަމަށާއި އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތީ އެ ދޭފުޅުންގެ އިތުރުން ޒަކީ ކަމަށެވެ.
"މިއަދު މެންދުރު އަޅުގަނޑަށް ޒަކީ ގުޅުއްވާފައި ވިދާޅުވީ ނަޝީދު ބައްދަލުކުރައްވަން ބޭނުންފުޅުވާ ވާހަކަ. ދެން އަޅުގަނޑު ގުޅާފައި ބުނީ ބައްދަލުވުން ބާއްވާނެ ތަނެއް އަޅުގަނޑަށް ހަމަނުޖެހުނު ވާހަކަ. ދެންނެވީމާ ޒަކީ ވިދާޅުވި އެގެއަށް ވަޑައިގަތުމަށް. ދެން އަޅުގަނޑު މައްސަލައެއް ނެތީމާ އެ ގެއަށް ދިޔައީ. އެގޭގެ ހަތްވަނަ ބުރީގައި އަޅުގަނޑުމެން ބައްދަލުކުރީ ވެސް،" ޔާމީން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ނަޝީދު އެދިވަޑައިގަތީ ހުއްޓިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް އެމްޑީޕީން މިހާރު ބޭނުންވާތީ އެ ވާހަކަތައް އަލުން ފެށުމަށް ބާރު އަޅައިދިނުމަށް ކަމަށެވެ. އަދި އެމްޑީޕީން އެކަމުގައި އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. މަޝްވަރާތަކުގެ ތެރެއިން މަޖިލިސް ވެސް އަލުން ކުރިއަށް ގެންދެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭންގެ ކޮން ސަބަބަކާއި ހުރެ ކަމެއް ނަޝީދު އެގޮތަށް ބޭނުން ފުޅުވަނީ، ކުރިންވެސް އެމްޑީޕީން މި ވާހަކަތަކުން ވަކިވީމާ ހުއްޓިފައި އޮތީ، އަޅުގަނޑަށް ހީވަނީ އެ ބޭފުޅުންނަށް ހީފުޅުކުރެއްވެނީހެން ]ވާހަކަތައް[ ހުއްޓިފައި އޮތީމާ ދެން ކުރިއަށް ނުދާނެހެން. ރައީސް ނިއުޔޯކަށް ވަޑައިގަތް އިރު ވެސް ޕާޓީ ޓޯކްސްގެ ޗެއާއިން މުޖުތަބާ އިސްތިއުފާދެއްވާފައިވުމާއި، ވާހަކަތައް ހުއްޓިފައި ވާތީ ނަޝީދު ވާހަކަ ދެއްކެވީ، އަލުން އެ މަޝްވަރާތަކުގައި އިށީންނަން،" ޔާމީން ވިދާޅުވި އެވެ.
ރައީސް ނަޝީދު ޔާމީނާ ބައްދަލުކުރެއްވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަށް އަންނަ ހޯމަ ދުވަހަށް ޝެޑިއުލްކޮށްފައި ވަނިކޮށެވެ. އެފަދަ ވާހަކައެއް ދެއްކެވިންތޯ ދެންނެވުމުން ޔާމީން ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށާއި އެފަދަ މަޝްވަރާއެއް ރައީސް ނަޝީދު ކުރައްވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
"ދައުވާ ކުރަނީ އެއީ ސަރުކާރުން ނޫނީ އަޅުގަނޑުމެން ކުރާ ކަމެއް ނޫން. އެއީ ޕީޖީ ކުރާކަމެއް. އެހެންވީމާ ރައީސް ނަޝީދުގެ ހިޔާލުގައި ވެސް އަދި އަޅުގަނޑުގެ ހިޔާލުގައި ވެސް އެފަދަ ކަމަކާ މަޝްވަރާކުރަން ހިޔާލަށް ވެސް ނާންނާނެ ނޫންތޯ، އެ މަޝްވަރާ [ވާހަކަތައް އަލުން ފަށަން] ނޫން އެހެން ކަމަކާ މަޝްވަރާއެއް ނުވެސް ކުރެވޭ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ އެ ރިކުއެސްޓާ މެދު އޭނާ ހައިރާން ނުވާ ކަމަށާއި ޕާޓީ މަޝްވަރާތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އދ.ގެ އެކްސްޕާޓް ވެސް މީގެ ކުރިން އޭނާއާ ބައްދަލުކުރައްވައި އެ ވާހަކަތައް ހިއްސާކުރައްވާފައިވާ ކަމަށެވެ.
"ޗެއާއަށް ބޭފުޅަކު އައްޔަން ކޮށްފައި ނުވުމާ މިފަދަ ކަންބޮޑުވުންތައް ހިއްސާކޮށް އެވާހަކަތައް އެބޭފުޅުން ވެސް ފަށަން ބޭނުންވާ ވާހަކަ މީގެ ކުރިން ޕީޕީއެމްގެ އޮފީހުގައި އަޅުގަނޑާ ބައްދަލުކޮށް ދައްކާފައި އޮތީ. އެހެންވީމާ އަޅުގަނޑަށް ހައިރާން ކުރުވަނިވި ކަމަކަށް ނުވޭ، އަޅުގަނޑު އޭރު ވެސް ދެންނެވިން ރައީސް ވަޑައިގަތީމާ އެ ވާހަކަ އަޅުގަނޑު ދައްކާ ނަމޭ،" ޔާމީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ނަޝީދާ ބައްދަލުނުކުރައްވާ ކަމަށާއި ނަޝީދާ މިއަދު ބައްދަލުކުރެއްވީ ސިޔާސީ ޕާޓީގެ އިސް ފަރާތެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެ ބައްދަލުވުން ބޭއްވެވީ ވެސް ނަޝީދު މަޝްވަރާކުރަން ބޭނުންވާ ސަބަބު ކުރިން ސާފުވެފައި އޮތީމާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.