ރާއްޖޭގެ ޝަރުއީ ނިޒާމަށް އިސްލާހުތައް ގެނެވެންދެން ރާއްޖޭގެ ކޯޓުތަކުގެ ނިޒާމްގެ ތެރެއިން ކުރާ ދައުވާތައް ބަލައިނުގަތުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީ އިން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ހުށަހަޅުއްވައި އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ތާއީދުކުރައްވައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ އަޣުލަބިއްޔަތުން މިއަދު ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންގެ ގިނަ ބައެއްގެ މައްޗަށާއި ރައްޔިތުން އިންތިހާބުކޮށްފައިވާ ސިޔާސީ ވާދަވެރި އިސް ފަރާތްތަކުގެ މައްޗަށް ބޮޑެތި ކުށްކުރި ކަމަށް ބުނެ "ސަރުކާރުން ދައުވާތައް ކުރަމުންދާ ދިއުމަކީ" އިންސާފުގެ ނިޒާމުން ބޭރުގައި ސިޔާސީ ގޮތުން ވާދަވެރި ފަރާތްތައް ބަލިކަށިކޮށްލައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ކާމިޔާބު ކުރައްވާނެތީ އެ ފުރުސަތު ނަގާލުމަށް ކުރާ ކަންތައްތަކެއް ކަމަށެވެ.

އަދި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ހިންގުމަށް އުފައްދާފައިވާ މެޖިސްޓްރޭޓުންގެ ޕެނަލް އުފައްދާފައިވާ ގޮތާއި އެ ޝަރީއަތް ހިންގުމަށް ކަނޑައަޅާފައިވާ ކޯޓުގެ ޤާނޫނީ ސައްހަކަމާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ނެރުއްވި ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން އަދުލުވެރި އިންސާފުވެރި ޝަރީއަތެއް މިވަގުތު ރާއްޖޭގައި އުފައްދާފައިވާ އެއްވެސް ކޯޓެއްގައި ކުރެވިދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް އެގަރާރުގައި ބުނެފައިވެ އެވެ.

ކޯޓުން ނިންމާ ނިންމުންތައް ގަބޫލް ނުކުރަން އެމްޑީޕީން ނިންމާފައިވާ އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ދައުވާކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ މިއަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.