17 Aug 2026, 11:34

ޔުނިވަސަލް ފައުންޑޭޝަނުން އަހަރަކު އެއްފަހަރު ދެމުންގެންދާ މެޑިކަލް ސްކޮލަޝިޕްތަކުގެ ތެރެއިން މިއަހަރު ދިނުމަށް ހަމަޖައްސާފައިވާ ސްކޮލަޝިޕްގެ ފުރުސަތުތައް ހަތަރު ފަރާތަކަށް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ސްކޮލަޝިޕްތައް ރަސްމީކޮށް ހަވާލުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ދިން ސްކޮލާޝިޕްތައް ލިބުނު ފަރާތްތަކާއި ހަވާލުކުރުން....
މި އަހަރުގެ ރަސްމިއްޔާތުގައި ސިއްޙީ ދާއިރާގެ އެކި ޚާއްސަ ރޮނގުތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަޝިޕް ލިބުނު ފަރާތްތަކަކީ:
ޢާއިޝަތު ޒަހާ – މާސްޓާސް އިން ނިއުރޯސާޖަރީ
- މުޢީޒް މުޙައްމަދު – އެމްއެސް އިން ޕީޑިއަޓްރިކް ސާޖަރީ
- މުޙައްމަދު އިފުހާމް – އެމްޑީ ކްރިޓިކަލް ކެއަ މެޑިސިން
- އިސްމާޢީލް އީޖާޒް އިސްމާޢީލް – ފެލޯޝިޕް އިން ޕީޑިއަޓްރިކް ރެސްޕިރޭޓަރީ މެޑިސިން
މި މެޑިކަލް ސްކޮލަޝިޕްތަކަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކަނޑައަޅާ ތަމްރީނުތަކުގެ ބޭނުންތަކާ އެއްގޮތަށް، ރާއްޖޭގައި ހުނަރުވެރިން މަދު ދާއިރާތަކަށް ހައްލެއް ހޯދައިދިނުމަށާއި، ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަގްޞަދުގައި ސްޓްރެޓީޖިކް ގޮތުން ދެމުންގެންދާ ފުރުޞަތުތަކެކެވެ.
2013 ވަނަ އަހަރު އުފެދުނު ޔުނިވާސަލް ފައުންޑޭޝަނަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ހެޔޮއެދޭ ޚިދުމަތްތައް ފުޅާކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން އަންނަ ފައުންޑޭޝަނެކެވެ. މިހާތަނަށް އެންޑޯކްރިނޮލޮޖީ، ރޭޑިއޮލޮޖީ، އިންޓާނަލް މެޑިސިން، ރޫމަޓޮލޮޖީ، އަދި އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ފަދަ އެކި ޚާއްޞަ ދާއިރާތަކުން 60 އަށް ވުރެ ގިނަ ޑޮކްޓަރުން ވަނީ މި ފައުންޑޭޝަންގެ އެހީގައި ކިޔެވުން ފުރިހަމަކޮށްފައެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ދިން ސްކޮލާޝިޕްތައް ލިބުނު ފަރާތްތަކާއި ހަވާލުކުރުން....
މީގެއިތުރުން، އިންފޮމޭޝަން ޓެކްނޮލޮޖީ، އެކައުންޓިން، ބިޒްނަސް މެނޭޖްމަންޓް، އިންޖިނިއަރިން، ތަޢުލީމު އަދި ޓޫރިޒަމް ފަދަ އެހެނިހެން ދާއިރާތަކުން ވެސް ރާއްޖޭން ބޭރުން 100 އަށް ވުރެ ގިނަ ސްކޮލަޝިޕް މިހާތަނަށް ވަނީ ދީފައެވެ.
މުޖުތަމަޢަށް އަމާޒުކޮށްގެން ހިންގޭ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް ރެޑް ކްރެސެންޓްގެ 'ޕާޓްނާސް ފޯ ހިއުމެނިޓީ ޕްރޮގްރާމް' އާއި މޮމްސް އެއިޑްގެ 'ހިޔާވެހި 2026 ޕްރޮގްރާމް' ފަދަ މުހިންމު ހަރަކާތްތަކަށް އެއްބާރުލުން ދެމުންދާ ޔުނިވަސަލް ފައުންޑޭޝަނުން މިހާރު ދަނީ އިތުރު ފަންޑް ހޯދުމުގެ ޙަރަކާތެއް ވެސް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.