27 Sep 2012, 22:13
ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކޮންސިއުމާފެއާ މިއަދު ހުޅުވައިފި އެވެ.
އާޓްލައިން ޑިޒައިން ސާވިސް އިން އިންތިޒާމްކޮށްގެން "މޯލްޑިވްސް ކޮންސިއުމާ ފެއާ 2012"ގެ ނަމުގައި ތިން ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ އެ ފެއާ މިއަދު ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދެވެ.
ފެއާ ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ އެފެއާއަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ފެއާއެއް ކަމަށާއި ކޮންސިއުމާ ފެއާއެއްގެ އެންމެ މުހިންމު ބޭނުމަކީ ބަޒާރުން ލިބެން ހުރި މުދަލާއި ހިދުމަތްތަށް އެއްތަނަކުން ދައްކަލުން ކަމަށެވެ.
"މިފަދަ ފެއާއެއްގެ ސަބަބުން ކޮންސިއުމަރުނާއި ވިޔަފާރިވެރިންނާ ދެމެދު މުއާމަލާތްކުރާނެ މަގުފަހިވެ ވިޔަފާރިތަކާއި ކޮންސިއުމަރުންމާ ދެމެދު އިތުބާރު ގާއިމްކުރެވި ވިޔަފާރި އިތުރަށް ކުރިއަރައިގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެފަދަ ފެއާތަކަކީ ރާއްޖޭގެ ވިޔަފާރި ކުރިއަރުވަން ވެސް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
އެފެއާގެ މެއިން ސުޕޮންސާ އަދި ފެއާގެ ބައިވެރިއެއް ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެސްޓީއޯ އިން އެފެއާގައި ބައިވެރިވީ އެފެއާއަކީ އެ ކުންފުނިން ވިއްކާ މުދަލާ ބެހޭ ގޮތުން ކަސްޓަމަރުނަށް މައުލޫމާތު ދިނުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވުމަށް ކަމަށެވެ.
މިއަދުން ފެށިގެން މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 ރޭގަނޑު 12:00 އަށް ބާއްވާ އެފެއާގައި ރާއްޖޭގެ 30 ކުންފުއްޏަކުން 70 ސުޓޯލް ބައިވެރިކޮށްފައިވެ އެވެ. އެ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެސްޓީއޯ އާއި އެމްއެޗްއޭގެ އިތުރުން މިފްކޯ އިތުރުން ދަމާސް ވެސް ހިމެނެ އެވެ. އަދި އެފެއާގައި ކާބޯތަކެތީގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ސާމާނާއި މިއުޒިކް ސާމާނާއި އެންމެ ފަހުގެ ފެޝަންތަކުގެ އަންނައުނުގެ އިތުރުން ތަފާތު ވައްތަރުގެ މުދާ ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.