ރާއްޖޭގައި ނަހަމަގޮތުގައި މީޑިއާގެ މިނިވަންކަން ބޭނުންކުރާ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޝަރުއީދާއިރާގެ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނަށް ހިންގި ޓްރޭނިން ޕްރޮގާމްގެ ބައިވެރީންނަށް ސެޓްފިކެޓް ދިނުމަށް ޖޫޑިޝިއަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެކި މީސްމީހުންނާ ބެހޭ ގޮތުން މީޑިއާގައި ލިޔެވޭ ދޮގު ޚަބަރުތަކުގެ ސަބަބުން އެ މީހުންގެ އަބުރާއި އިންސާނީ ކަރާމާތް ގެއްލެމުންދާ ކަމަށާއި ފަރުދުންގެ އިންސާނީ ކަރާމާތާއި އަބުރު ގެއްލުވާލުމަށް އެއްވެސް ބަޔަކު މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މީޑިއާގައި ޚަބަރެއް ރިޕޯޓު ކުރުމުގެ ކުރިން އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއްތޯ މީޑިއާގެ އިސްވެރިން ބަލަންޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބައެއް ނިޒާމް ހުރި ގޮތުން ހަމަ ހިތަށް އެރިހާ ވާހަކައެއް، ހިތަށްއެރި އެއްޗެއް، ލިޔެލާފައި އެއް ކޮޕީ މުއައްސަސާއަކަށް އަނެއް ކޮޕީ މީޑިއާއަށް ފޮނުވާލުމުން އެއޮތީ އެ މީހަގެ މަގުސަދު ހާސިލްވާގޮތަށް އެކަން ރޭވިފައި. އެކަމެއްގެ ހަގީގަތް އޮތް ގޮތް، އެކަމެއްގައި ކިހާވަރެއްގެ ހަގީގަތެއް ވޭތޯ ބަލާލުމެއް ނެތި މީޑިއާގައި އެކަން ހާމަކުރެވިއްޖެ ކަމަށްވާ ނަމަ އެއްކަލަ މަގުސަދު ހާސިލުކުރަން ބޭނުންވި މީހާގެ މަގުސަދު އޮތީ ހާސިލްވެފައި. އަނެކާގެ އަބުރާއި އިންސާނީ ކަރާމާތް އެ އޮތީ ގެއްލިފައި. އަޅުގަނޑު ހިތުން މިއަދުގެ މީޑިއާ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިއްޖެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ އެއްބަޔަކީ މީޑިއާ ކަމަށާއި ހަގީގަތާ އެއްގޮތަށް ޚަބަރުތައް ރިޕޯޓް ކުރެވޭ މިންވަރަކުން އިޖުތިމާއީ ފޭރާން ވަރުގަދަވެގެން ދާނެ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.

"އެހެންވީމާ މީޑިއާގެ ކަންކަން ހަރުދަނާވެ ހަގީގަތުގެ މައްޗަށް ބުރަވެގެން ރިޕޯޓް ކުރެވޭ މިންވަރަކުން އަޅުގަނޑުމެންގެ އިޖުތިމާއީ ބަދަހިކަން އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވަރުގަދަވެގެން ދާނީ. ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަރުދަނާ ކުރުމުގެ ގޮތުން މީޑިއާގެ ދައުރު މިހާރަށް ވުރެ ފުޅާކުރަން ވެއްޖެ. ހަރުދަނާ ކުރަން ވެއްޖެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.