17 Aug 2026, 08:44

އިންޑިއާގެ ނިއު ދިއްލީ ހައިކޯޓަށް ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރު ހުށަހެޅި މައްސަލައަކާ ގުޅިގެން، އޭނާގެ "ޕާސަނަލިޓީ ރައިޓްސް" ނުވަތަ އަމިއްލަ ޝަހުސިއްޔަތުގެ ހައްގުތައް ހިމާޔަތްކުރުމަށް ފޭން ޕޭޖްތައް މަނާކުރުމަށް އެދިފައިވާތީ، އެކަމާ މެދު ކޯޓުން ސުވާލު އުފައްދައިފިއެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރު އަނޫޕް ޖައިރާމް ބަމްބާނީ ވިދާޅުވީ، ފާޅުކަން ބޮޑު ހަޑިހުތުރު އަދި ބަދުއަހުލާގީ މާއްދާތައް ހިމެނޭ ކޮންޓެންޓްތައް ނައްތާލުމަށް އަމުރު ނެރުމަށް ކޯޓުން ތާއީދުކުރާ ކަމަށެވެ. ނަމަވެސް، ހުރިހާ ފޭން ޕޭޖްތަކަކަށް އަމާޒުކޮށް ފިޔަވަޅު އެޅުމާ މެދު ކޯޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި، ބައެއް ފޭން ޕޭޖްތަކަކީ ފާޑުކިއުމުގެ ގޮތުން ހިންގާ ޕޭޖްތަކަށް ވެދާނެއެވެ. އަދި ވިޔަފާރީގެ ބޭނުމެއް ނެތި ހިންގާ މިފަދަ ހުރިހާ ޕޭޖްތަކެއް ހުއްޓުވުމަކީ ކުރެވޭނެ ކަމެއްތޯ ފަނޑިޔާރު ސުވާލުކުރެއްވިއެވެ.
"އެ މީހުން އެ ޕޭޖްތަކުން ފައިސާ ހޯދާ ނުވަތަ ވިޔަފާރީގެ އުސޫލުން ބޭނުންކުރާނަމަ އެއީ މައްސަލައެއް. އެކަމަކު ހުރިހާ ފޭން ޕޭޖްތަކަކީ ގޯސް އެއްޗެއް ނޫން،" ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
ޖާންވީގެ ފަރާތުން މި މައްސަލަ ހުށަހެޅީ އޭނާގެ ނަމާއި ސިފަ ބޭނުންކޮށްގެން ބަދުއަހުލާގީ ކޮންޓެންޓް އުފެއްދުމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާ "ޑީޕް ފޭކް" ވީޑިއޯތައް އިންޓަނެޓުގައި ދައުރުކުރަމުންދާތީއެވެ.

ޖާންވީގެ އެންމެފަހުން ރިލީޒްވި ފިލްމު "ޕެއްޑީ"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ޖާންވީގެ ވަކީލު ވިދާޅުވީ، ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް ފަދަ ވަސީލަތްތަކުގައި ޖާންވީގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން އޮޅުވާލަމުންދާ ކަމަށެވެ.
ނަމަވެސް، ކޯޓުން ވަނީ "ޕާސަނަލިޓީ ރައިޓްސް" ނުވަތަ އަމިއްލަ ޝަހުސިއްޔަތުގެ ހައްގުތަކުގެ އިމަކީ ކޮބައިކަން ސާފުކޮށްދިނުމަށް ވަކީލުންގެ ކިބައިން އެދިފައެވެ. ފަނޑިޔާރު ވިދާޅުވީ އާންމު މަޝްހޫރު ފަރާތްތަކާ ބެހޭގޮތުން ހިންގާ ހުރިހާ ކަމެއް ހުއްޓުވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އާންމުންގެ ތެރޭގައި އުޅޭ ކޮންމެ މީހަކަށްވެސް ފާޑުކިއުމާއި އެކި ކަހަލަ ބަސްތައް އަމާޒުވާނެ. އަހަރެމެންނަށްވެސް އެކަން އެބަދިމާވޭ. އެކަމަކު އޭގެ މާނައަކީ ހުރިހާ ކަމެއް ބަންދުކުރުމެއް ނޫން،" އޭނާ ވިދާޅުވެފައިވެއެވެ.
މެޓާ ޕްލެޓްފޯމްސްގެ ފަރާތުން ވަކީލު ވަރުން ޕާތަކް ވިދާޅުވީ، ޖާންވީގެ ފަރާތުން 4,000 އަށްވުރެ ގިނަ ލިންކު ހުށަހަޅާފައިވީ ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ ހުރިހާ އެއްޗަކީ ބަދުއަހުލާގީ ނުވަތަ ގޯސް މާއްދާތަކެއް ނޫން ކަމަށެވެ.
މި މައްސަލައިގައި ކޯޓުން ވަނީ ޖާންވީގެ ވަކީލަށް، އޭނާ މައްސަލަ ޖައްސާ ކޮންޓެންޓްތައް ވަކިވަކި ބައިތަކަކަށް ބެހުމަށް އަންގާފައެވެ. ކޯޓުން އިޝާރާތްކޮށްފައިވަނީ ތިން ދާއިރާއަކުން ހިމާޔަތް ދިނުމަށެވެ. އެއީ ފާޅުކަން ބޮޑު ބަދުއަހުލާގީ މާއްދާތައް، ޖާންވީގެ ޝަހުސިއްޔަތު ބޭނުންކޮށްގެން ސީދާ ފައިސާ ހޯދާ ކަންކަން، އަދި އޭނާގެ ނަމާއި ސިފަ ބޭނުންކޮށްގެން މުދަލާއި ހިދުމަތް އިޝްތިހާރުކުރާ ކަންކަމެވެ.
މީގެކުރިން ދިއްލީ ހައިކޯޓުން ވަނީ މަޝްހޫރު ފަންނާނުން ކަމަށްވާ އަމީތާބް ބައްޗަން، ތާބޫ، އައްލޫ އަރުޖުން، މޯހަންލާލް، ކާޖޮލް، އަދި ސުނިލް ގަވާސްކަރް ފަދަ މަޝްހޫރު ފަރާތްތަކުގެ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކޮށްދިނުމުގެ އަމުރުތައް ނެރެދީފައެވެ. އިންޑިއާގެ ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިން އަދި ނޫސްވެރިންގެ މިފަދަ ހައްގުތައް ހިމާޔަތްކުރުމަށްވެސް ކޯޓުން މީގެ ކުރިން ވަނީ ފިޔަވަޅުތައް އަޅާފައެވެ.