27 Sep 2012, 19:48
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓަށް ވުރެ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ދިރާސާ ކުރަމުންދާ މަޖިލީހުގެ ބަޖެޓް 20 ޕަސެންޓް ބޮޑު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
މިއަހަރުގެ މަޖިލީހުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށް ކަނޑައަޅާފައިވަނީ 230 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަންނަ އަހަރު މަޖިލީހުގެ ހިންގުމަށް ހަރަދުވާނެ ކަމަށް ލަފާކޮށް، މަޖިލީހުގެ ބަޖެޓް ސެކްޝަނުން އާންމު ކޮމެޓީއަށް ހުށަހަޅާފައިވާ ބަޖެޓްގެ ޖުމްލަ އަދަދު 277 މިލިއަނަށް ރުފިޔާއަށް އަރަ އެވެ. އެއީ މިއަހަރުގެ ބަޖެޓާ އަޅާ ބަލާއިރު 20 ޕަސެންޓް ބޮޑު އަދަދެކެވެ.
މަޖިލީހުގެ ބަޖެޓާ ގުޅޭ ގޮތުން އެ އިދާރާގެ ބަޖެޓް ސެކްޝަންގެ ޑިރެކްޓަރު އިބްރާހިމް ރަޝީދު އާންމު ކޮމެޓީގެ ސަބް ކޮމެޓީއަށް ހާޒިރުކޮށް މެންބަރުން ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓް ބޮޑު ވަނީ މަޖިލީހުގެ އާ އިމާރާތް ބިނާކޮށް، އެ އިމާރާތައް ހޯދަންޖެހޭ ތަކެތި ހޯދަންޖެހޭތީ އެވެ.
ދައުލަތުގެ ހަރަދުގައި އިމާރާތް ކުރަމުންދާ 10 ބުރީގެ މަޖިލީހުގެ އާ އިމާރާތް ބިނާ ކުރުމަށް މިއަހަރަށް އެކަނި ވެސް 30 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިމާރާތުގެ ކޮންޓްރެކްޓަރަކަށް މިއަހަރު ދޭންޖެހުނު ފައިސާގެ އަދަދު ބޮޑުވި ނަމަވެސް އަންނަ އަހަރު ދޭންޖެހޭ ފައިސާގެ އަދަދު ކުޑަވާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ މަޖިލީހުގެ ބަޖެޓުގައިވާ ގޮތުން އާ އިމާރާތާއެކު 27 މުވައްޒަފުން އިތުރަށް މަޖިލީހަށް ބޭނުންވެ އެވެ. އެއީ މަޖިލީހުގެ 13 އަށް ވުރެ ގިނަ ކޮމެޓީއަށް ދެ މުވައްޒަފުންނަށް ވުރެ ގިނައިން އިތުރަށް ހޯދަންޖެހެ އެވެ.
އިތުރަށް މަޖިލީހަށް ވައްދާ މުވައްޒަފުންނާއެކު ޖުމްލަ މުވައްޒަފުންގެ ހަރަދަށް 7.5 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި 4.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ބަޖެޓްގައި ޖަހާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް ތިން މުވައްޒަފަކު ފޮނުވުމުގެ ފުރުސަތާއި ރާއްޖޭއިން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު 16 މުވައްޒަފަކަށް ދޭތީ އެ މުވައްޒަފުންގެ ކިޔެވުމުގެ ހަރަދުގެ ފައިސާ ވެސް 4.9 މިލިއަން ރުފިޔާގެ ތެރޭގައި ހިމަނާފައިވެ އެވެ.
މަޖިލީހުގެ މެންބަރުންގެ "ސްޓަޑީ ޓުއާ"އެއްގެ ގޮތުގައި ވެސް އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިނަނާފައިވެ އެވެ. އެގޮތުން މެންބަރުންނަށް ސިންގަޕޫރާއި ޗައިނާ އާއި ކެނެޑާ އަދި ޔޫގެންޑާގެ އިތުރުން އިންޑިއާއަށް ދިއުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށް ބަޖެޓްގައިވެ އެވެ.
އަންނަ އަހަރުގެ މަޖިލީހުގެ ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ ތެރޭގައި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށްޓަކައި 1.7 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ.
މަޖިލީހުގެ މިއަހަރުގެ ބަޖެޓަށް 230 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އުފެއްދުންތެރި މަސައްކަތެއް ނުކުރެވި ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި މަޖިލީހުގެ ހަރަށް 113 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އެއީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނައިން ހަރަދު ކުރި ތަނެވެ.