08 Sep 2010, 07:10
ރާއްޖޭގައި މަހުން މަހަށް މޯބައިލް ފޯން ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެ، ލޭންޑް ލައިނުގެ އަދަދު ދަށަށްދާން ފަށާފައިވާ ކަމަށް ކޮމިއުނިކޭޝަން އޮތޯރިތީގެ ތަފާސްހިސާބުތަކުން ދައްކަން ފަށައިފި އެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި މިދިޔަ ޖެނުއަރީ މަހާ އަޅާބަލާއިރު ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރި ލޭންލައިންގެ އަދަދު ވަނީ 3.73 ޕަސެންޓް، 868 ލައިން ދަށަށް ގޮސްފަ އެވެ. މާލެ ސަރަހައްދާއި މީހުން އުޅޭ ރަށްރަށާއި މީހުން ނޫޅޭ ރަށްރަށާއި ރިސޯޓްތަކުގައި ޖެނުއަރީ މަހު ބޭނުން ކުރި ލޭންޑް ލައިންގެ އަދަދަކީ 49870 ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. ނަމަވެސް ޖުލައި މަހު އެ އަދަދު ވަނީ 48102 އަށް ވެއްޓިފަ އެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީގެ ރެކޯޑްތައް ދައްކާ ގޮތުން، ޖުލައިގެ ނިޔަލަށް އެންމެ ގިނަ ފޯންލައިން ބޭނުން ކުރަނީ މާލޭ ސަރަހައްދުގަ އެވެ. އެއީ 35045 ލައިނެވެ. ދެން އެންމެ ގިނަ ލައިން، މީހުން އުޅޭ ރަށްރަށުގައި، 11853، ރިސޯޓްތަކުގައި 980، މީހުން ނޫޅޭ ރަށްރަށުގައި 224 އެވެ.
ލޭންޑް ލައިނުގެ އަދަދު ދަށަށްދާ އިރު މޯބައިލް ފޯނު ބޭނުން ކުރާ މީހުންގެ އަދަދު އަންނަނީ ވަރަށް ބާރަށް މައްޗަށެވެ. އެ އޮތޯރިޓީގެ ރެކޯޑްތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި މޯބައިލް ފޯނާއި ޕްރީ ޕެއިޑްގެ އަދަދު ވަނީ 14255 އިތުރުވެ، 3.11 ޕަސެންޓް އިތުރުވެފަ އެވެ. ޖެނުއަރީ މަހު ޕޯސްޓްޕެއިޑް، އަދި ޕްރީޕެއިޑް ބޭނުން ކުރި މީހުންގެ ޖުމްލައަކީ 458120 އެވެ. ނަމަވެސް ޖުލައިގެ ނިޔަލަށް އެ އަދަދު ވަނީ 472375 އަރައިފަ އެވެ.