އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އަކީ އުވާލެވިފައިވާ ޕާޓީއެއް ނޫންކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އައިޑީޕީ އުނިކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުން އެދި އެ ޕާޓީގެ ކުރީގެ ރައީސް އުމަރު ނަސީރު ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް އެ ދައުވާ އުމަރު ކޮށްފައި ވަނީ އައިޑީޕީ އުވާލުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރުމުން ވެސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އައިޑީޕީ އުނިކޮށްފައި ނުވާކަމަށް ބުނެ އެވެ.

ހައި ކޯޓުގެ ހުކުމުމްގައި ބުނަނީ އައިޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ އެ މަޖިލީހުގައި ހިމެނޭ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަށް މެންބަރުން ހާޒިރުވެގެންކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާކަމަށެވެ. ނަމަވެސް އެޕާޓީ އުވާލަން ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް ހުށަހެޅުމަށް ނިންމުމަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޯރަމް ހަމަނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ. ކޯރަމް ހަމަނުވާ އެ ބައްދަލުވުމަކީ އައިޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށް ބޭއްވި ބައްދަލުވުމެއްކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

"އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލާފައިވާ އުވާލުން ގާނޫނީގޮތުން ފުރިހަމަ ވެއްޖެ ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެޕާޓީ އުނިކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް މިގަޒިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައި ވެއެވެ.

އެހުކުމް އެގޮތަށް އައިސްފައިމިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އައިޑީޕީގެ ސިޔާސީ ހަރަކާތްތައް އަލުން ފެށާފައި ވަނިކޮށެވެ. އެ ޕާޓީން ވަނީ އެ ޕާޓީގެ ކޮންގްރެސްވެސް ބާއްވާ ޕާޓީގެ ލީޑަޝިޕަށް ފަރާތްތައް އިންތިހާބުކޮށްފަ އެވެ. އެ ޕާޓީ އުފެއްދެވި އުމަރު ނަސީރު އައިޑީޕީ އުވާލެއްވި ކަމަށް ބުނެ ފުރަތަމަ ގުޅިވަޑައިގަތީ ޑީއާރުޕީއާ އެވެ. އަދި އޭގެ ފަހުން ޕީޕީއެމް އުފައްދަވައި އޭނާއަކީ މިހާރު އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އެވެ.