ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގި ޓްރޭނިން ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ހަފްލާގައި "ކޯޓު ހައުސް ކަވަރޭޖް ޓްރޭނިން ޕްރޮގްރާމް" ފުރިހަމަ ކުރި ނޫސްވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އެވެ.

އެ ހަފްލާގައި ޓްރޭނިން ޕްރޮގްރާމް ފުރިހަމަކުރި ހަ މީޑިއާއެއްގެ ނުވަ ނޫސްވެރިއަކާއި ފެކަލްޓީ އޮފް އާޓްސްގައި ޖާނަލިޒަމް ކިޔަވަމުންދާ ދެ ދަރިވަރަކު ވެސް ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ. ސެޓްފިކެޓް ހާސިލްކުރި މީޑިއާ ތަކުގެ ތެރޭގައި ހިމެނެނީ ސަން މީޑިއާ ގްރޫޕާއި ހަވީރު ނޫހާއި ޓީވީއެމް އާއި ރާއްޖެ ޓީވީ އާއި ވީޓީވީގެ އިތުރުން މިއަދު ނޫހެއެވެ.

އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ނޫސްވެރިންނަށް އަމާޒުކޮށްގެން އެފަދަ ޓްރޭނިން ޕްރޮގްރާމެއް ހިންގުމުގެ މަގުސަދަކީ ނޫސްވެރިންނަކީ އަދުލު އިންސާފުގެ ދާއިރާ އާ ގުޅޭ މައުލޫމާތު ލިބިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން ޝަރުއީ ދާއިރާއަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުން ކަމަށެވެ.

އެ ހަފްލާގައި އުއްތަމަ ފަނޑިޔާރު ވަނީ ވޭތުވެދިޔަ އަހަރުގެ ޝަރުއީ ދާއިރާގެ ތަފާސް ހިސާބު ފޮތް ވެސް ނެރެދެއްވާފަ އެވެ.