މޫސުމީ ބަދަލުތަކުގެ ސަބަބުން ކާބޯތަކެއްޗަށް އައިސްފާނެ ބަދަލުތަކަށް ތައްޔާރުވުމަށް "ފުޑް ސެކިއުރިޓީ" ސްޓްރެޓްޖީއެއް އެކުލަވާލުމަށް އެންވާރުމަންޓް މިނިސްޓްރީން ރިޔަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމީޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ އަބްދުﷲ މަތީން އެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ހަމީޒް އެވެ.

ރިޔާންއާ އެ މަސައްކަތް ހަވާލުކުރީ މިއަދުން ފެށިގެން ހަތަރު މަސްދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެންވާރުމަންޓް މިނިސްޓްރީން ބުނީ މަސައްކަތުގެ އަގަކީ 116،000ރ. އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސްޓޭޓް މިނިސްޓާ މަތީން ވިދާޅުވީ މި މަސައްކަތުގެ މައގަނޑު މަގުސަދަކީ ނޭޝަނަލް އެޑެޕްޓޭޝަން ޕްރޮގުރާމް އޮފް އެކްޝަނާއި [ނާޕާ]އާ އެއްގޮތްވާ ގޮތުގެ މަތިން މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ކާބޯތަކެތި މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދާނެ ގޮތްތަކެއް ރާވައި އެކުލަވާލުން ކަމަށެވެ.