ފެލިވަރުގެ ޗެއާމަންގެ މަގާމުގައި ހުންނަވަނިކޮށް ކޮރަޕްޝަންގެ ތުހުމަތެއްގައި މިދިޔަ އާދިއްތަ ދުވަހު މަގާމުން ވަކިކުރި މުހައްމަދު އިމްތިޔާޒް (އިންތި)، އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގައި އަދާކުރައްވަމުން ގެންދެވި މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފި އެވެ.

އިންތިއަކީ ޖުމްހޫރީ ޕާޓީގެ މެންބާޝިޕް އޮފީހުގެ ރެޖިސްޓްރާ ޖެނެރަލް އެވެ.

އެ ޕާޓީގެ ސްޕޯކްސްޕާސަން މޫސާ ރަމީޒް މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ޕާޓީގައި މިވަގުތު އިންތި އަދާކުރައްވަމުން ގެންދަވައި މަސްއޫލިއްޔަތުތައް އޭނާގެ އަތުން ނަގާފައިވާކަން ޕާޓީގެ ލީޑަޝިޕުން މިހާރު އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

"އިންތިއާ ހަވާލުކުރި މަސްއޫލިއްޔަތުތައް އޭނާ އަތުން ނަގާފައިވާކަން ޕާޓީގެ ލީޑަޝިޕުން ވަނީ އަންގާފައި،" ރަމީޒް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އިސްއޮފިޝަލަކު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އިންތި ޕާޓީން ސަސްޕެންޑްކުރީ އެނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކަމަށެވެ.

މި ވަގުތު ދުބާއީގައި ހުންނެވި އިންތި ވިދާޅުވީ އޭނާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އޭނާ ވަކިކުރިކަން ޕާޓިން އަދި ރަސްމީކޮށް އޭނާއަށް ނާންގާ ކަމަށެވެ.

އިންތިގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ބުނެފަ އެވެ. އޭސީސީ އިން ބުނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އޭނާގެ އަމިއްލަ ފިހާރައަކަށް މަސްދަޅު ކޭސްތަކެއް ކުރެޑިޓަށް ނެގި ކަމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އިންތިވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ.