27 Sep 2012, 16:57
ފެބްރުއަރީ 8 ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު ކުއްޖެއްގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 17 އަހަރުގެ ހަތަރު ކުދިންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށާއި އެ ހަތަރު ކުދިންގެ މައްޗަށް ވެސް ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ ކަމަށެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ތުހުމަތު ކުރެވޭ 17 އަހަރުގެ އެ ހަތަރު ކުދިންގެ މައްސަލަ އިއްޔެ ވަނީ މި ކޯޓަށް ފޮނުވާފައި. އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާ،" އޮފިޝަލް ވިދާޅުވި އެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށުގައި ހިންގި ހަމަނުޖެހުންތަކުގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ތިނަދޫ ޕޮލިސް ސްޓޭޝަންގައި ހުޅުޖަހައި ވަނީ އަންދާލާފަ އެވެ.