27 Sep 2012, 16:45
މިސްކިތަކަށް އެހީވުމަށް އުފެއްދި ފަންޑަށް މިހާތަނަށް ލިބިފައިވާ ފައިސާގެ ތެރެއިން ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިސްކިތްތަކުގެ ފަންޑަށް ލިބިފައިވާ 15 މިލިޔަން ރުފިޔާގެ ތެރެއިން ހަތް މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވަނީ މިސްކިތްތަކުގެ މަރާމާތަށެވެ. މިސްކިތްތަށް މަރާމާތު ކުރުމަށް ޖުމްލަ 7.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުކޮށްފައިވަނީ އައްޑޫގެ މިސްކިތްތައް މަރާމާތު ކުރުމަށެވެ. އެގޮތުން 879،602ރ. ވަނީ ހަރަދުކޮށްފަ އެވެ.
މިސްކިތްތަކުގެ ފަންޑުން ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރީ ބ. އަތޮޅުގެ މިސްކިތްތައް މަރާމާތު ކުރުމަށް ކަމަށްވާއިރު އެކަމަށް 690،688.99ރ ވަނީ ހަރަދުކޮށްފަ އެވެ. ދެން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ހއ. އަތޮޅުގެ މިސްކިތްތައް މަރާމާތު ކުރުމަށެވެ. އެއަތޮޅަށް 668،592.23ރ. ވަނީ ހަރަދުކޮށްފަ އެވެ.
އެފަންޑުން މާލޭގައި ހުރި މިސްކިތްތަކަށް ހަރަދުކޮށްފައިވަނީ ޖުމްލަ 21،147ރ. އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް މަރާމާތް ކުރުމަށް އެހީވުމަށް އުފެއްދި ފަންޑަށް 23 ސެޕްޓެމްބަރު 2012 ގެ ނިޔަލަށް ލިބިފައިވާ 15.5 މިލިއަން ރުފިޔާ ގެ ތެރެއިން ބާކީ ހުރީ 7.8 މިލިއަން ރުފިޔާ ކަމަށެވެ.