27 Sep 2012, 15:52
ހައްޖަށާއި އުމްރާ އަށް މީހުން ގެންދާ ޖަމާއަތެއް ކަމުގައިވާ، މަލީޝާ ހައްޖު ޖަމާއަތަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މި އަހަރު ލިބިފައިނުވަނީސް، ހައްޖަށް ދިއުމަށް އެ ޖަމާއަތަށް ފައިސާ ދައްކާފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މި އަހަރުގެ އުމުރާ އަށް ވެސް މީހުން ގެންގޮސްފައިވާ އެ ގުރޫޕަށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި 175 މީހަކަށް ވަނީ ހައްޖަށް ދެވޭ ގޮތް ނުވެފަ އެވެ. އަދި މިހާރު އެ ޖަމާއަތަށް ނުވެސް ގުޅޭ ކަމަށް އެ ގްރޫޕަށް ފައިސާ ދެއްކި މީހުން މިއަދު ސަން އަށް ބުންޏެވެ.
އެ ޖަމާއަތުގެ ވެރިފަރާތަކީ އިސްމާއިލް އަބްދުއް ލަތީފު، އާސިނީވިލާ، ހުޅުމާލެ ކަން ސަން އޮންލައިންއަށް ވަނީ ކަށަވަރުވެފަ އެވެ.
ނަން ހާމަ ނުކުރުމަށް އެދި މަލީޝާ ހައްޖު ޖަމާއަތުން މި އަހަރު ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހެއްގެ ދަރިފުޅު ބުނީ އޭނާގެ މަންމަ އެ ޖަމައާތަށް 68000ރ. ދައްކާފައިވާ ކަމަށާއި އެ ޖަމާއަތަށް ފައިސާ ދެއްކީ އެ ޖަމައަތުން ހައްޖަށް ދެވޭނެ ކަމަށް ބުނުމުން ކަމަށެވެ. އަދި އެ ޖަމާއަތުން މިފަހަރު ހައްޖަށް ނުދެވޭނެ ކަން އެ މީނަށް އެނގުނީ މީޑިއާގެ ފަރާތުން ކަމަށާއި އެ ޖަމާއަތާ މިހާރު ނުވެސް ގުޅޭ ކަމަށެވެ.
"އަޅުގަނޑުމެންކައިރި ފޮށި ބަލާ އަންނާށޭ ކިޔާފައި ދިޔަ އިރު އެތަންހުރީ ތަޅުލާފައި. އޭގެ ފަހުން އަޅުގަނޑުމެން ގުޅުމުން ފޯނެއް ވެސް ނުނަގާ. މަންމަމެން މުޅިން މާޔޫސް ވެގެން އަބަދު އެ ވާހަކަ ދައްކަނީ. ހެޔޮ ނުވާނެ ދެއްތޯ މިފަދަ މާތް އަޅުކަމެއް ކުރަން އުޅޭބަޔަކަށް މިހާވަރަށް އޮޅުވަލާކަށް،" އެ މީހާ ބުންޏެވެ.
އަދި ބުނީ ހައްޖަށް ދިއުމަށްޓަކައި ދެއްކި ފައިސާ ލިބޭނެ ކަމެއް ނުވަތަ ނުލިބޭނެ ކަމެއް ވެސް ނޭނގޭ ކަމަށާއި އެ ޖަމައަތުން ދިން އެއްވެސް ނަމްބަރަކަށް މިހާރު ނުގުޅޭ ކަމަށެވެ.
މަލީޝާ ހައްޖު ޖަމާއަތުން ހައްޖަށް ދިއުމަށް ފައިސާ ދެއްކި ފަރާތްތަކަށް ހައްޖަށް ނުދެވިފައިވާ އިރު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެފަދަ ޝަކުވާތަކެއް އެ މިނިސްޓްރީ އަށް ހުށައެޅިފައިވާ ކަމަށާއި އަދި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މަލީޝާ ހައްޖު ޖަމާއަތަށް ގުޅާލުމުން ބަހެއް ލިބިފައިނުވާ އިރު ސަންއަށް އެނގިފައިވާ ގޮތުގައި އެ ޖަމައަތަކީ ލަންކާގެ ކޯޓާއެއްގެ ތެރެއިން މީހުން ހައްޖަށާއި އުމުރާއަށް ގެންދާ ޖަމާއަތެކެވެ. އަދި އެއީ މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"އެހެން ގައުމުތަކުގެ ކޯޓާގައި ދިވެހި ރައްޔިތުން މީހާތަނަށް ހައްޖުކޮށްފައެއް ނުވޭ. ވަރަށް ޚާއްސަ އިސްތިސްނާ ހާލަތެއްގައި ނޫނިއްޔާ އެއީ އެ ގައުމުތަކުގައި މަސައްކަތް ކުރަން ތިބި މީހުން ފިޔަވައި، ހަގީގަތުގައި ސައުދީ އަރަބިއާގެ ގަވާއިދުތައް ވެސް ތަންދޭ ކަމެއް ނޫން. އެއީ އެހެން ގައުމެއްގެ ކޯޓާގައި އަނެއް ގައުމުގެ މީހުން ދިޔުން. އެ ގައުމަކަށް ލިބޭ ކޯޓާގައި އެ ގައުމަކުން އަބަދުވެސް ދާން މިޖެހެނީ. މިފަހަރު ވެސް އެގޮތަށް ކަންތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު އިލްތިމާސްކުރަން. ގުރޫޕުތަކުން ވެސް ފައިސާ ނަގައިގެން ނުވާނެ އެ ގުރޫޕްތަކަށް ހުއްދަ ނުދެނީސް،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުން ބުނީ މަލީޝާ ހައްޖު ޖަމާއަތުން ހައްޖަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނެގި މައްސަލަ ވަރަށް ގިނަ ފަރާތްތަކަކުން ހުށައަޅާފައިވާ ކަމަށާއި މިހާރު ވަރަށް ސީރިއަސްކޮށް އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރުތަފްސީލެއް ނުދެ އެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށް ދާ 1،000 މީހުންގެ ފުރަތަމަ ގްރޫޕް މާދަމާ ފުރަން ހަމަޖެހިފައިވާ އިރު މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި 16 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ އިރު ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވަނީ އަށް ޖަމާއަތަށެވެ.