27 Sep 2012, 15:28
ރާއްޖޭގެ އާބާދީގައި 50 އަހަރަށްވުރެ މަތީގެ 33،000 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ޖެންޑާ ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީން ބުނެފި އެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ދިމާކޮށް އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އާބާދީގައި އުމުރުން 50 އަހަރަށްވުރެ މަތީ 33،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ރާއްޖޭގެ އުމުރުން ދުވަސްމީހުންގެ އާބާދީއަށް ބަލައި ޖެންޑާ އެންޑް ހިއުމަންރައިޓސް މިނިސްޓްރީން ބުނީ ލަފާކުރެވޭ ގޮތުގައި 2015 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 4.5 ޕަސެންޓް މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. އަދި 2045 ވަނަ އަހަރު އެ އަދަދު 12.7 ޕަސެންޓަށް އުފުލޭނެ ކަމަށް އެމިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
އެމިނިސްޓްރީން އަދި ބުނީ ޒަމާނުންސުރެ އުމުރުން ދުވަސްމީހުންނަށް މުޖުތަމައުން ދޭ އަހަމިއްޔަތާއި އަޅާލުމާއި ލޯބި މިހާރު ނެތެމުންދާ ކަމަށެވެ. އެގޮތުން އުމުރުން ދުވަސްމީހުންގެ ތަފާތު 25 މައްސަލައެއް މިދިޔަ އަހަރު އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިއަހަރުގެ ޖެނުއަރީން އޭޕްރީލް މަހާ ހަމައަށް 14 މައްސަލައެއް އުމުރުން ދުވަސްވީ މީހުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަމަށް ޖެންޑާ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީން ބުނެ އެވެ.
ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލާއިރު ގިނައިން ހުށަހަޅާފައިވަނީ އަޅާނުލުމާއި ބެލެހެއްޓުމުގެ މައްސަލަ ތަކެވެ. އަދި މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާ އަދަދީ ރިޕޯޓު ކޮށްފައި ހުރި މައްސަލަތައް ނަމަވެސް އެ އަށްވުރެ އެދަދު އިތުރުވާނެ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
އުމުރުން ދުވަސްވީ މީހުންގެ މައްސަލަތަކާ ގުޅިގެން ޖެންޑާމިނިސްޓްރީން ބުނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ވެސް އުމުރުން ދުވަސްވީ 45 މީހަކު އެބަތިބި ކަމަށެވެ. އަދި އުމުރުން ދުވަސްވީ މައިންބަފައިން ބެލުން ބުރައަކަށްވެ ގެއިން ނެރެލަ ނުވަތަ ގުރައިދޫ މަރުކަޒު ފަދަ ތަންތަނަށް ފޮނުވާލާ މީހުން ގިނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
އުމުރުން 65 އަހަރުވެފައިވާ ކޮންމެ މީހަކަށް މިހާރު ލިބެމުން އަންނަ އެލަވެންސްގެ ބޭނުން ވެސް ބައެއް އާއިލާތަކުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ޖެންޑާ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީން ބުނެ އެވެ.
އުމުރުން ދުވަސްވީ މީހުންގެ މިއަހަރުގެ ޝިއާރަކަށް އދ. އިން ކަނޑައަޅާފައިވަނީ "ދިގު އުމުރުުގެ މުސްތަގުބަލް ބައްޓަން ކުރުން" މި ޝިއާރެވެ.