10:00


ސަރުކާރަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ، އެންޓިކޮރަޕްޝަން ކޮމިޝަނަށް ފަސް މެމްބަރުން ހަމަކުރުން ލަސްކުރަމުން ގެންދާ ދިއުމަކީ ޑިމޮކްރެޓިކް ހަމަތަކާ މުޅިން ޚިލާފް ޚުދުމުހުތާރު ޢަމަލެއް ކަމަށް ލޭބަރ ޕާޓީން ބުނެފި އެވެ.


ލޭބަރ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަން ނުވަތަ އޭސީސީ އެކުލަވާލައި ނިންމުމަށް ގާނުނީ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކޮމިޝަނަށް އައްޔަނުކުރުމަށް ރައީސް އަށް ފެނިވަޑައިގަންނަވާ ފަސް ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހުން އެ ފަސް ނަމަށް ރުހުންދިން ނަމަވެސް އެ ފަސް ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކާ މިހާރުގެ ސަރުކާރާ ދެމެދު މައްސަލަތަކެއް ފެންމަތިވުމުން ފަސްކުރެއްވީ ކަމަށެވެ. އަދި މަޖިލީހުން އެބޭފުޅާއަށް ރުހުން ދީފައިވީ ނަމަވެސް، ރައީސް ބޭނުންފުޅުވީ ސްޕްރީމް ކޯޓު މެދުވެރިކުރައްވާ ނިންމަވާ ނިންމެވުމެއްގެ ދަށުން އެހެން މީހަކު އެމަގާމަށް އައްޔަން ކުރެއްވުމަށް ކަމަށް ވެސް ލޭބަރ ޕާޓީގެ ބަޔާނުގައި ބުންޏެވެ. ނަމަވެސް އެމައްސަލައިގައި ސްޕްރީމް ކޯޓުން ނިންމެވި ނިންމެވުމުގައި ވަނީ، ގާނޫނީ ހަމަތަކުގެ މަތީން އެސީސީ އަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދޭ ފަސް ބޭފުޅުން އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވެސް އެޕާޓީން ބުންޏެވެ.


ލޭބަރ ޕާޓީން ބުނީ އޭސީސީއަށް މެމްބަރުން ހަމަނުކޮށް ލަސްކުރަމުން ގެންދާ ދިއުމާއި މެދު ސްޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމެވުމާއި އެއްގޮތަށް ސަރުކާރުން ޢަމަލުނުކުރާ މައްސަލަ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެޕަޓީން އަންނަ ހަފްތާ ފެށޭއިރު ހުށަހަޅާނެ ކަމަށެވެ.


ލޭބަރ ޕާޓީގެ ބަޔާނަށް އަދި ސަރުކާރުން އެއްވެސް އެއްޗެއް ބުނަފައެއްނުވެ އެވެ.