27 Sep 2012, 15:22
ދިވެހި ރާއްޖޭގައި ހަރުކަށި ވިސްނުންތަކާއި ހިޔާލުތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު އައްޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްްޖެ އެވެ.
އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް މިޝޭލް އިސްލާމިކް މިނިސްޓަރުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ޝަހީީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ވެއްޓެއް އޮތް ތަފާތު ހިޔާލުތަކުގެ މީހުން އުޅޭ ގައުމެއް ކަމަށާއި އަދި އެއީ ތަބީއީ ކަމެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިލްމުވެރިންނަކީ އަލްގައިދާގެ ހިޔާލަށް ތާއީދުކުރާ ބައެއް ނޫން ކަމަށާއި ރާއްޖެއަކީ ނަމޫނާ އިސްލާމް ގައުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ނާޒުކު އިގުތިސާދެއް އޮތް ގައުމަކަށްވެފައި އެ އިގުތިސާދުގެ މައި ތަނބަކީ ޓޫރިޒަމް ދާއިރާ ކަމުގައިވާ އިރު ރާއްޖެ އިން އަބަދުވެސް ޓޫރިސްޓުންނަށް އަމާންކަން ލިބިގެންދާނެ ކަމަށާއި ޓޫރިސްޓުންނަށް އިހުތިރާމްކުރާ ގައުމަކަށް ރާއްޖެ ވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ޓެރަރިޒަމާ އެސްޓްރީމަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަބުރުފުޅާ ބެހޭ ގޮތުން ބަޔަކު ނެރެފައިވާ ފިލްމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޓަކައި މަސައްކަތްކޮށްދެއްވުމަށާއި އެފަދަ ކަންކަން ހިނގާ ނަމަ އެމެރިކާ އާއި އިސްލާމީ ދުނިޔެއާ މެދު އޮންނަ ސުލްހަވެރި ގުޅުމަށް އަސަރުކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ ފިލްމް ކުށްވެރިކޮށް އެމެރިކާގެ ސަފީރު ބަޔާނެއް ނެރުއްވާފައި ވާތީ އެކަމަށް ޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެއިތުރުން ރާއްޖޭގައި ތިބި އިލްމުވެރިންގެ ތެރެއިން އިނގިރޭސިބަސް އުނގެނިވަޑައިގަތުމަށް ބޭނުންވާ ފަރާތްތަކަށް އެމެރިކާ އިން ފުރުސަތުތަކެއް ހޯދައިދެއްވުމަށް ވެސް މިބައްދަލުވުމުގައި ސަފީރުގެ އަރިހުން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި އެމެރިކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޝަހުސިއްޔަތާ ގުޅިގެން ބަޔަކު ހެދި ފިލްމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެކަން ކުށްވެރިކުރެއްވި އެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް ސުލްހަވެރިކަމާ އެކު ކުރިއަށް ގޮސްފައި ވާތީ އެކަން ސަފީރު ފާހަގަކުރެއްވި އެވެ.