27 Sep 2012, 15:09
މަތީތައުލީމު ހާސިލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން ތައާރަފްކޮށްފައިވާ ލޯން ސްކީމްތަކުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.
ލޯނަށް އެދުމުގެ ފުރުސަަތު ހުޅުވާލުމަށް ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަނުން މި ހަފުތާގައި ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެޕްލިކޭޝަން ހުށައަޅަން ޖެހެނީ އަންނަ އޮކްޓޯބަރު މަހުގެ 16 އިން ފެށިގެން 24 އަށެވެ. އަދި ބުނެފައި ވަނީ އެޕްލިކޭޝަން ބަލައިގަންނާނެ ތަނެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ އިއުލާންގައިވެ އެވެ.
ސުކީމްގެ ދަށުން ރާއްޖޭގައި ހުރި ސަރުކާރުގެ މަރުކަޒުތަކުން ކިޔެވުމަށް ލޯނު ދޫކުރަނީ 400 ފަރާތަކަށެވެ. އަދި ރާއްޖޭގައި ހުރި އަމިއްލަ މަރުކަޒުތަކުން ކިޔެވުމަށް 350 ފަރާތަކަށެވެ. އެގޮތުން ރާއްޖެ އިން ކިޔެވުމަށް ޖުމްލަ 750 ފަރާތަކަށް ލޯނު ދޫކުރާނެ ކަމަށް ވެސް ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.
ރާއްޖެ އިން ބޭރުން ކިޔެވުމަށް ލޯނު ދޫކުރަނީ ޖުމްލަ 150 ފަރާތަކަށެވެ.
އެ އިއުލާންގައި ލޯނު ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި ލޯނު އަނބުރާ ދައްކަން ޖެހޭ އުސޫލު ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ރާއްޖެ އިން ބޭރުން ކިޔެވުމަށް ސުކީމްގެ ދަށުން ލޯނަށް އެދެވޭނީ ރާއްޖޭގެ ތައުލީމީ މުއައްސަސާއަކުން ކިޔެވެން ނެތް ދާއިރާތަކުން ކިޔެވުމަށް ކަމަށާއި ލޯނަށް އެދެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ މަރުކަޒުތަކުން ކިޔެވުމަށް ކަމަށް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.
ލޯނު ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި، އެ ލޯނަކަށް އެދޭ މީހާ ކިޔަވަން ބޭނުން ވަނީ މިހާރު އެ މީހަކު ކިޔަވައިގެން ހުރި ފެންވަރަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވުން ހިމެނެ އެވެ.
ޓާޝަރީ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ލޯނު ދޫކުރާ އެންމެ މަތީ އަދަދަކީ 567045ރ. އެވެ. އެއީ ޕޯސްޓް އޯއައިސީޑީ ގައުމުތަކުން ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔެވުމަށެވެ.
ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔަވާ ނިމޭތާ ހަ ވަނަ މަހުން ފެށިގެންނެވެ. ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތުތައް ކަނޑައަޅާފައި ވަނީ ލޯނުގެ އަދަަދަށް ބިނާކޮށްގެންނެވެ. އެގޮތުން 25000 ރ. ނުވަތަ އެއަށް ވުރެ މަދު އަދަދެއް ނަމަ ދައްކަން ޖެހެނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި 25000 އިން ފެށިގެން 499،999ރ. ހަމައަށް ދައްކަން ޖެހޭނީ ދެ އަހަރާއި ހަ އަހަރަރާ ދެމެދުގެ މުއްދަތަކަށެވެ. އަދި ފަސްލައްކަ ރުފިޔާ އިން ފެށިގެން 999،999ރ. އާ ހަމައަށް ނަގާ ލޯނު ތިން އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތެއްގައި ދައްކަން ޖެހެ އެވެ.