ވޮޝިންޓަން (13 އޮގަސްޓް 2026) : އެމެރިކާގައި އޮތް އިސްރާއީލުގެ މަސްލަހަތު ހިމާޔަތްކޮށްދޭ ޔަހޫދީ ޒަޔަނިސްޓް ލޮބީ މިހާރު ވަރަށް ބޮޑަށް ބަލިކަށިވެއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފިއެވެ.

"ރިޔަލް އެމެރިކަން ވޮއިސް" ނަމަކަށް ކިޔާ އެމެރިކާގެ މީޑީއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެމެރިކާގެ މަސްރަހަށް އައި އެންމެ ބޮޑުބަދަލެއްގެ ގޮތުގައި އޭނާއަށް ފެނިގެންދިޔައީ އެމެރިކާގައި ޒަމާނުއްސުރެ މޫލާފައިއޮތް އިސްރާއީލުގެ މަސްލަހަތު ހިމާޔަތްކޮށްދޭ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތައް ބަލިކަށިވެގެން ދިޔުމެވެ.

މިއީ އިސްރާއީލަށް ގަބޫލުކުރަން ދަތިނަމަވެސް ވަރަށް ބޮޑު ހަގީގަތެއް ކަމަށާއި މިކަމުގެ ނޭދެވޭ އަސަރު އިސްރާއީލަށް ވަރަށް އަވަހަށް ފެންނަން ފަށާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގައި ހަރަކާތްތެރިވާ އިސްރާއީލުގެ އެންމެ ބޮޑު ލޮބީ ގްރޫޕަކީ "އެއިޕެކް" އެވެ. ނުވަތަ އެމެރިކަން އިޒްރޭލީ ޕަބްލިކް ރިލޭޝަން ކޮމިޓީ އެވެ. މިއީ އިސްރާއީލަށް ވާގިވެރިވާ ސިޔާސީ މީހުން އެމެރިކާގެ އިންތިޚާބީ މަގާމުތަކަށް އިންތިޚާބުކުރުމަށް ޕްރޮޕަގެންޑާއާއި ފައިސާ ބޭނުންކޮށްގެން ކޭންޕެއިން ކުރާ އެންމެ ބޮޑު ޖަމާއަތެވެ.

މިޖަމާއަތުން ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭ އެކަނިވެސް އެމެރިކާގެ އިންތިޚާބުތަކުގައި ބައިވެރިވާ އިސްރާއީލަށް ވާގިވެރިވާ ސިޔާސީ މީހުންގެ ކޭންޕެއިންތަކަށް 2.4 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް މިފަހަކަށް އައިސް އެމެރިކާގައި ބާއްވާ ބައެއް އިންތިޚާބުތަކުގައި "އެއިޕެކް" އިން ފަންޑްކޮށްގެން ކޭންޕެއިން ކުރާ އިސްރާއީލަށް ވާގިވެރިވާ ސިޔާސީ މީހުން ވަނީ އިންތިޚާބުތަކުގައި ނާކާމިޔާބު ވެފައެވެ. މީގެތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅަކީ ނިޔުޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީ އެވެ.

އޭނާއާ ވާދަކުރީ "އެއިޕެކް" އިން އެތައް މިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން ކޭންޕެއިންކުރި އިސްރާއީލަށް ތާއީދުކުރާ ސިޔާސީ މީހެކެވެ. އޭނާވަނީ އިންތިޚާބުގައި ބަލިވެފައެވެ.

ދާދިފަހުން އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ސެނެޓަށް ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި މިޝިގަންގައި ބޭއްވި ޕްރައިމަރީވެސް ކާމިޔާބުކޮށްފައިވަނީ އިސްރާއީލާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަދި އެމެރިކާއިން އިސްރާއީލަށް ދޭ އެހީތައް ކަނޑާލައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަންގޮވާލައްވާ މިސްރު ދަރިކޮޅުގެ އެމެރިކާ ރައްޔިތެއްކަމަށްވާ އަބްދުއްރަހްމާން އައްސައްޔިދު އެވެ.

މި ޕްރައިމަރީގައިވެސް ބަލިވީ "އެއިޕެކް" އިން އެތަށް މިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން ކޭންޕެއިން ކޮށްދިން އިސްރާއީލަށް ތާއީދުކުރާ ކެންޑިޑޭޓެވެ.

މީގެއިތުރުންވެސް ޑިމޮކްރެޓިކް ޕާޓީއާއި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ތަކުގައި އިސްރާއީލާ އިދިކޮޅު އެތަށް ކެންޑިޑޭޓުން ވަނީ އިސްރާއީލަށް ތާއީދުކުރާ ކެންޑިޑޭޓުންގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.

މިއާއެކު އެމެރިކާގެ ކޮންގްރެސް މިއަހަރުގެ ފަހުކޮޅުގައި އަލުން އިންތިޚާބުކުރާއިރު އިސްރާއީލާ އިދިކޮޅު އެތަށް ބަޔަކު ކޮންގްރެސްގެ ގޮނޑިތައް ކާމިޔާބުކޮށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އަންނާނެކަމަށް ވަނީ ބެލެވިފައެވެ. އަދި ކުރިޔަށް އޮތް ހައެއްކަ އަހަރު ތެރޭގައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާވަރަށް އެމެރިކާގެ ސިޔާސީ މަސްރަހު އިސްރާއީލާ ދެކޮޅަށް ބަދަލުވެގެންދާނެކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

އެމެރިކާގައި އޮތް އިސްރާއީލުގެ މަސްލަހަތު ހިމާޔަތްކޮށްދޭ ޔަހޫދީ ޒަޔަނިސްޓް ލޮބީ ވަރަށް ބޮޑަށް ބަލިކަށިވެއްޖެކަމަށް ވިދާޅުވެ މިއީ އިސްރާއީލު ވަރަށް ސީރިޔަސްކަމާއެކު ވިސްނަންޖެހޭ ކަމެއްކަމަށް ވިދާޅުވެ މީގެ ކުރިންވެސް ޓްރަމްޕް ވަނީ ވާހަކަ ދައްކަވާފައެވެ. މިއީ އިސްރާއީލަށް ވަރަށް ސީރިޔަސް ކަމެއްކަމަށް ވިދާޅުވެ މިމައްސަލާގައި ޓްރަމް ވާހަކަ ދެއްކެވި ދެވަނަ ފަހަރެވެ.