27 Sep 2012, 15:07
މިވީ ދުވަސްތަކުގެ ތެރޭގައި ދިވެހި ފުލުހުންނާއި އެމެރިކާއާ ދެމެދު ރަނގަޅު ގުޅުންތަކެއް ގާއިމްކުރެއްވިއްޖެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ފުލުހުންނާ ގުޅިގެން އެމެރިކާ މަސައްކަތް ކުރާނެ ކަމަށް ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު މިޝޭލް ސިސޮން މިއަދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ނުރައްކަލާ ހަނގުރާމަ ކުރުމުގެ އުކުޅުތައް ދިވެހި ފުލުހުންނަށް ދަސްކޮށްދިނުމަށް އެމެރިކާ އިން ފުލުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރު ސިސޮން ވިދާޅުވީ އެމެރިކާ އިން ރާއްޖެ އަށް އެކި ގޮތްގޮތުން އެހީވަމުން އަންނަ ކަމަށާއި އެގޮތުން 2011 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ތަރައްގީއަށް އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގެ ތިމާވެށީގެ ނުރައްކާތަކުން ރައްކާކުރުމަށް އަހަރުމެން އެހީވަން. ސިވިލް ސޮސައިޓީއާ އެކު މަސައްކަތް ކުރަން ޑިމޮކްރަސީ ވަރުގަދަކުރަން، ވިޔަފާރިވެރިންނާ އެކު އިގްތިސޯދު ވަރުގަދަ ކުރަން މަސައްކަތް ކުރަން. މި ހުރިހާ އެންމެންގެ ރައްކާތެރިކަން ބިނާވެފައި ވަނީ ފުލުހުން ކުރާ މަސައްކަތަކަށް. ދިވެހި ފުލުހުންނާ އެކު މި އޮންނަ ގުޅުމަށް އެމެރިކާ ފަހުރުވެރިވަން، ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ،" އެމްބެސެޑަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމަކީ ކުށްތައް މަދުކުރުމަށް އެޅޭ ބާރެއް ކަމަށާއި އެމެރިކާ އިން ދިވެހި ފުލުހުންނަށް ފޯރުކޮށްދޭ ތަމްރީނުތަކުގައި ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަން އަންގައިދޭނެ ކަމަށެވެ.
ސިސޮން ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާތަކަކީ ކޮންމެ ގައުމަކަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށާއި އެފަދަ ހަމަލާއެއް އައުމުގެ ކުރިން އެކަންތައްތައް ހުއްޓުވުމަށް އެއް ގައުމު އަނެއްގައުމާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކަނޑުފޭރުމުގެ އެކި ހާދިސާތަކާއި ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ރާއްޖެ އަށް އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އެ ހަފްލާގައި ހޯމްމިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ މަގުމައްޗަށް ތަފާތުގޮތްގޮތަށް ދޫވެފައިވާ ބޮޑެތި ކުށްވެރިން އަނބުރާ ހުކުމް ތަންފީޒު ކުރުމަށް ގެނައުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި ހުކުމްތައް ތަންފީޒުކުރުމުގެ ދާއިރާ އިން ރާއްޖެ އަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީދާއިރާ އަށް އިސްލާހީ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި ޑރ. ޖަމީލް ވިދާޅުވީ އާންމުންގެ އިތުބާރު އުފެއްދުމަށް ފުލުހުން ތަޖުރިބާ އާއި ތައުލީމުގެ އަލީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ފުލުހުންނަށް އެއްވެސް ނުފޫޒެއް ނެތި ހަރަކާތްތެރި ވުމުގެ ބާރު މިހާރު އޮންނާނެ، ފުލުހުން މަސައްކަތް ކުރުމުގައި މިނިވަންކަން އޮންނާނެ. ފުލުހުން މަސައްކަތް ކުރަންވީ ރައްކާތެރި އަމާން މުޖުތަމައެއް އުފެއްދުމަށް، އެ ޒިންމާ ފުލުހުންގެ ކޮޑުގައި އެޅިފައިވާކަން ހަދާން ކޮށްގެން."