ރިޔާޒް (ސެޕްޓެމްބަރު27) : ސަޢޫދީ އަރަބިޔާއިން ފެނުނު ނުރައްކާތެރި ވައިރަސް،"ކްރޫނާ" ވައިރަސް އަށް ވަމުންދާގޮތް ބަލަމުންގެންދާކަން އެޤައުމުގެ ސިއްޙަތާބެހޭ ދާއިރާތަކުން ހާމަކޮށްފި އެވެ.

ނޭވާލާ ނިޒާމަށް ޙަމަލާދޭ މިވައިރަސް އިންސާނުންގެ ހަށިގަނޑަށް ވާސިލްވުމުން ވަރަށް އަވަހަށް ކިޑްނީ ފޭލްވާލާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ. ޙައްޖު މޫސުން ގާތްވެ ބައެއް ޤައުމުތަކުގެ ޙައްޖުވެރިން ސަޢޫދީ އަރަބިޔާއަށް މިހާރު ދަތުރުފަށާފައިވާއިރު ޑަބްލިޔުއެޗްއޯ އިން ސަޢޫދީ ސަރުކާރަށް އަންގާފައިވަނީ މިވައިރަސް ގެ އިންފެކްޝަން ފެތުރެމުންދާގޮތުގެ މަޢުލޫމާތު ވަގުތުންވަގުތަށް އެޖަމްއިއްޔާއާ ޙިއްސާ ކުރުމަށެވެ. އިނގިރޭސިވިލާތުގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ސަޢޫދީ އަރަބިޔާއިން ފެނިފައިވާ "ކްރޫނާ" ވައިރަސް ނިސްބަތްވަނީ 2003 ވަނައަހަރު ދުނިޔޭގައި ފެތުރިގެންދިޔަ ބިރުވެރި ރޯގާ ކަމަށްވާ ސިވިޔާ އެކިއުޓްރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ވައިރަސްގެ ޢާއިލާއަށެވެ. ނަމަވެސް "ކްރޫނާ" ވައިރަސް، ސާސް ވައިރަސްއާވެސް އަދި މިހާތަނަށް އިންސާނުންނަށް ޖެހިފައިވާ އެހެން ވައިރަސްތަކާވެސް ވަރަށްބޮޑަށް ތަފާތުކަމަށް އިނގިރޭސި ތަޖްރިބާކާރުން ވިދާޅުވެ އެވެ.

ޑަބްލިޔުއެޗްއޯ ގެ ތަރްޖަމާން ގްރިގޮރީ ހާޓެލް ވިދާޅުވިގޮތުގައި މީގެ ތިންމަސްކުރިން ސައޫދީ އަރަބިޔާއިން ފެނިގެންއުޅޭ "ކްރޫނާ" ވައިރަސް އަކީ ސާސް ވައިރަސް އެއްނޫނެވެ. ސާސް ވައިރަސް އާ "ކްރޫނާ" ވައިރަސްގެ އެންމެ ބޮޑު ތަފާތުވަނީ "ކްރޫނާ" ވައިރަސް އިންސާނުންގެ ނޭވާލުމުގެ ނިޒާމަށް ޙަމަލާދިނުމުގެ އިތުރުން ކިޑްނީއަށް ޙަމަލާދީ ވަރަށް އަވަހަށް ކިޑްނީ ފޭލްކޮށްލާތީ އެވެ. ސާސްއަކީ ކިޑްނީއަށް ޙަމަލާދޭ ވައިރަސްއެއްނޫނެވެ. ނަމަވެސް ގޮތްނޭންގޭ މިވައިރަސް ޖެހިގެން ފާއިތުވި 3 މަސްދުވަހުގައި ސަޢޫދީ އަރަބިޔާގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް މިވައިރަސް ޖެހުނު ޤަތަރުގެ ރައްޔިތަކު ވަނީ ޙާލުބޮޑުވެގެން އިތުރު ފަރުވާދިނުމަށްޓަކައި ލަންޑަންގެ ޚާއްސަ ހޮސްޕިޓަލަކަށް ޓްރާންފާ ކޮށްފަ އެވެ.

ޙައްޖު މޫސުން ގާތްވެފައިވަނިކޮށް ސަޢޫދީ އަރަބިޔާއަށް މިވައިރަސްގެ ނުރައްކާ ކުރިމަތިވެފައިވީ ނަމަވެސް ސަޢޫދީ ސިއްޙަތާބެހޭ ދާއިރާތަކުން ކަންބޮޑެއްނުވެ އެވެ. ސަޢޫދީ ސިއްޙަތާބެހޭ ދާއިރާތަކުން ބުނަނީ ޙައްޖު މޫސުމުގައި މިވައިރަސް ފެތުރިގެންދިޔުމުގެ ބިރުނެތްކަމުގަ އެވެ. އަދި ބޭރުޤައުމުތަކުން އަންނަ ޙައްޖުވެރިން ސިއްޙީ ގޮތުން އިތުރަށް ބަލައި ޗެކްކުރުމުގެ އިތުރުފިޔަވަޅުތަކެއް އަޅަން އަދި ގަސްދުކޮށްފައިނުވާ ކަމަށްވެސް ސަޢޫދީ ސިއްޙަތާބެހޭ ވުޒާރާގެ ވަކީލް ޒިޔާދު މީމިޝް ވިދާޅުވި އެވެ. ނަމަވެސް ޣައިބަކީ ނޭންގޭ އެއްޗަކަށްވާތީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޑަބްލިޔޫ.އެޗް.އޯ ބުނާގޮތުން އެޖަމްޢިއްޔާއިން ގެންދަނި "ކްރޫނާ" ވައިރަސް ޢިލްމީގޮތުން ވަރަށް ބޮޑަށް ދިރާސާކުރަމުންނެވެ. މިދިރާސާތަކުން ލިބޭ މަޢްލޫމާތު ދުނިޔޭގެ 194 ޤައުމުގެ ސިއްޙަތާބެހޭ އިދާރާތަކާ ހިއްސާކުރަމުން ގެންދާކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.

"ކްރޫނާ" ވައިރަސްއާ ގުޅިގެން ޑަބްލިޔުއެޗްއޯ އިން ދުނިޔޭގެ ޤައުމުތަކަށް ދެމުންގެންދާ އިރުޝާދުތަކުގެ ތެރޭގައި ހުންއައުމާއެކު ކެއްސައިނޭވާލުމުގެ ނިޒާމަށް މައްސަލަޖެހޭމީހުންގެ ޙާލަތްތައް ވަރަށް ގާތުން ބަލައި ލެބޯޓްރީ ޓެސްޓްތައް ހެދުމަށްފަހު އެފަދަ ޙާލަތްތަކުގެ މަޢްލޫމާތު އެޖަމްޢިއްޔާއާ ޙިއްސާކުރުމަށް އެންގުން ހިމެނެ އެވެ. "ކްރޫނާ" ވައިރަސް ދިރާސާކުރާ ސައެންޓިސްޓުންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވަނީ މީގެނުރައްކާ ކުޑަނޫންކަމަށާއި ކުއްލިއަކަށް މިވައިރަސް، ނުރައްކާތެރި ވައިރެހަކަށް ބަދަލުވުމުގެ ބިރު އެބައޮތް ކަމުގަ އެވެ. ވައިރަސްއަކީ އޭގެ ޙާލަތު ކުއްލިއަކަށް ބަދަލުވުމުގެ ޤާބިލްކަން ލިބިގެންވާ އެއްޗެއް ކަމަށާއި ފަސޭހައިން ފެތުރޭ ވައިރަސް އަކަށް "ކްރޫނާ" ބަދަލުވެއްޖެނަމަ ހީނުކުރެވޭވަރުގެ ވަބާއަކަށް މިވައިރަސް ވެގެންހިނގައިދާނެ ކަމަށް ބައެއް ސައެންޓިސްޓުން ވިދާޅުވެ އެވެ. ނަމަވެސް އަނެއްބައި ސައެންޓިސްޓުން ވިދާޅުވަނީ މިއީ ކަންބޮޑުވާންޖެހޭ ވަރުގެ ވައިރެހެއްނޫން ކަމަށެވެ. ކްރޫނާ ވައިރަސް ޖެހޭކަން މިހާތަނަށް އެނގިފައިވަނީ ވައިގެ ތެރެއިން ނޭވާލުމުގެ ނިޒާމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)