ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ދައުވާކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއަހަން ބޭނުންވާ ފަރާތްތަކުން ފޯމެއް ފުރަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ އަންނަ ހޯމަ ދުވަހު ޖަސްޓިސް ބިލްޑިންގްގައި އޮންނަ ރައީސް ނަޝީދުގެ ޝަރީއަަތް އަޑުއަހަން ބޭނުންވާ މީޑިއާގެ ފަރާތްތަކަށާއި އެ ނޫން ވެސް ފަރާތްތަކަށް އެ އަޑު އެހުމުގެ ފުރުސަތު ދިނުމަށް ހަމަޖައްސައިފައި ވަނީ ވަކި ފޯމެއް ފުރައިގެން ކަމަށާއި ފޯމެއް ފުރައިގެން އެ މަޖިލީހަށް ވަދެވޭ ގޮތަށް ހަމަޖެއްސީ ގިނަ ބަޔަކު އެ އަޑުއެހުމުގައި ބައިވެރިވާން އެދި ހުށަހަޅަމުން ގެންދާތީ ކަމަށެވެ.

"ކުރިން އޮންނަ އުސޫލާ ހިލާފަށް މިގޮތަށް ހަމަޖެއްސީ ވަރަށް ގިނަ ފަރާތްތަކުން އެ ޝަރީއަތް އަޑުއަހަން ބޭނުންވެގެން ހުށަހަޅަމުން ގެންދާތީ. ފޯމް ހުށަހަޅާ ތަރުތީބަކުން އެ ފުރުސަތު ޖާގަ އޮތް މިންވަރަކުން ދޭނެ،" ލަތީފާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 50 މީހުންގެ ޖާގަ އޮންނަ އެ ޝަރީއަތުގެ މަޖިލީސް އަޑު އަހަން ބޭނުންވާ ފަރާތްތަކަށް އެފޯމް އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، ހަވީރީހިނގުމުގައި ހުންނަ ފަންހިޔާ ބިލްޑިންގެ ފުރަތަމަ ފަންގި ފިލާ އިން އެ ދުވަހުގެ ރަސްމީ ގަޑި ނިމެންދެއް ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ފޯމް ފުރައިގެން ޝަރީއަތް އަޑު އެހުމަކީ މެޖިސްޓްރޭޓް ކޯޓުތަކުގައި ހަމަޖެހިފައި އޮންނަ އާއްމު އުސޫލެއް ކަމަށް ވެސް ލަތީފާ ވިދާޅުވި އެވެ. އެނޫން ކޯޓުތަކުގެ ޝަރީއަތްތައް އަޑު އެހުމަށް ހަމަޖެހިފައި އޮންނަނީ އައިޑީކާޑު ހިފައިގެން ގޮސް ނަން ނޯޓްކޮށްގެން ވަދެވޭ ގޮތަށެވެ.

ރައީސް ނަޝީދުގެ އިތުރުން އެ މައްސަލައިގައި އިތުރު ހަތަރު ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ދައުވާކޮށްފަ އެވެ. އެހަތަރު ބޭފުޅުންނަކީ ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދެވެ.

އެ އެންމެންގެ މައްޗަށް ވެސް ދައުލަތުގެ ފަރާތުން ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ނަޝީދު ފިޔަވާ ދެން ތިއްބެވި ބޭފުޅުންގެ މައްޗަށް ދައުވާކުރާ އެ މައްސަލަ އަދި ޝެޑިލްކޮށްފައެއް ނުވެ އެވެ.

ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.