12 Aug 2026, 20:06

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ތަޖިކިސްތާނުގެ ރެގާރު ޓަޑާޒް އަތުން 3-0 އިން ބަލިވެ، ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ނުލިބި މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

ގަލޮޅު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗަކީ އެންމެ ފުރަތަމަ އަންގާރަ ދުވަހު ކުޅެން ތާވަލުކުރި މެޗެކެވެ. ނަމަވެސް، އޭއެފްސީ ޕްރެޒިޑެންޓްސް ކަޕްގެ ތިން ފަހަރުގެ ޗެމްޕިއަން ރެގާރު ޓީމަށް ދިމާވި ދަތުރުފަތުރުގެ ލަސްވުންތަކާ ގުޅިގެން އޭއެފްސީގެ ހުއްދާއާއެކު މެޗު ބުދަ ދުވަހުގެ ހަވީރަށް ފަސްކުރީއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މާޒިޔާއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ތަނަވަސްކޮށްދިން ފުރުސަތުތަކުގައި އަހުމަދު އައިހަމް (ފަތޯ) އާއި، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަދި ނައިޖީރިއާ ފޯވާޑް ބެންޖަމިން ކޫކޫ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާއާއި ތަޖިކިސްތާނުގެ ރެގާރު ޓަޑާޒް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: އަލީ ވިޝާލް
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފު ފަށައިގެން ރެގާރުން ކުޅުން ވަރުގަދަކޮށް، މެޗުގެ 50 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މި ލަނޑު ކައިޓޯވް އަޒީޒްބެކް ނަގައިދިން ހުރަހަކުން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކޮށްދިނީ ޕަންޒިއޭވް އޮޒޯޑްބެކް އެވެ.
ލަނޑަށް ފަހު މާޒިޔާއިން އިބްރާހިމް އައިސަމް އާއި، މުހައްމަދު އިލާން އިމްރާންގެ އިތުރުން ބެނިން މިޑްފީލްޑަރު ކޮޑްޖޯ ގޯމޭޒް ކުޅެން ނެރެގެން ނަތީޖާ ހަމަހަމަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ.
މާޒިޔާއިން އެއްވަރުކުރުމަށް ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް، މެޗުގެ 88 ވަނަ މިނެޓުގައި ރެގާރުގެ ބަދަލު ކުޅުންތެރިޔާ ޝެރްޒޯދް މަހްމަދިއެވް ވަނީ ދެވަނަ ލަނޑު ޖަހައި އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި މާޒިޔާގެ އިލާން ފޮނުވާލި ހަމަލާއެއް ކީޕަރު ޓަކަމް ދިފާއުކުރުމާއެކު އުފެއްދި ކައުންޓަ އެޓޭކެއްގައި، ބަދަލު ކުޅުންތެރިޔާ ސަފަރޯވް އަމިރުދްޒޯން ވަނީ ރެގާރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާއާއި ތަޖިކިސްތާނުގެ ރެގާރު ޓަޑާޒް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: އަލީ ވިޝާލް
މި ނަތީޖާއާއެކު ރެގާރު ޓަޑާޒް އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދިއިރު، މާޒިޔާ ވަނީ ޖެހިޖެހިގެން ދެވަނަ އަހަރު ކޮލިފައިން ބުރުން ކަޓައިފައެވެ.