27 Sep 2012, 13:47
ހަވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލްކުރާ ޤައުމީ ފިރިހެން ކެރަމް ޓީމުގެ ސިލެކްޝަން މެޗުތައް ނިމި ހަތަރު ކުޅުންތެރިއަކު ޤައުމީ ޓީމުން ޖާގަކަށަވަރުކޮށްފި އެވެ.
މިމަހުގެ 21 އަދި 27 އަށް ކުރިއަށް ގެންދިޔަ ސިލެކްޝަން މެޗުތަކަށް ފަހުން ޤައުމީ ފިރިހެން ކެރަމް ޓީމުން ޖާގަ ކަށަވަރުކޮށްފައި ވަނީ ހަސަން ނާޒިމް (30އ)، ހުސެއިން އަލީ (25އ)، ޝާފީ މުހައްމަދު (26އ) އަދި ހުސެއިން ފާރިހު (15އ) އެވެ.
ސީނިއާ ކުޅުންތެރިން ޤައުމީ ޓީމަށް ނެގުމަށް ޓަކައި ކުޅުވުނު ތިން ނޮކްއައުޓް ސިލެކްޝަންގެ ތެރެއިން ފުރަތަމަ ސިލެކްޝަންގެ ޗެމްޕިއަންކަން ހޯދައިގެން ޤައުމީ ޓީމުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައި ވަނީ ހަސަން ނާޒިމެވެ. ދެވަނަ ސިލެކްޝަންގެ ޗެމްޕިއަންކަން ހޯދައިގެން ޤައުމީ ޓީމުގެ ދެވަނަ ޖާގަ ހުސެއިން އަލީ ކަށަވަރުކުރި އިރު ތިން ވަނަ ސިލެކްޝަންގެ ޗެމްޕިއަން ޝާފީ މުހައްމަދަކީ ތިންވަނަ ކުޅުންތެރިއެއްގެ ގޮތުގައި ޤައުމީ ޓީމުން ޖާގަ ކަށަވަރުކޮށްފައިވާ ކުޅުންތެރިޔާއެކެވެ.
މިފަހަރުގެ ޤައުމީ ޓީމުގައި އެކާވިސް އަހަރުން ދަށުގެ ޖޫނިއަރ ކުޅުންތެރިއެއް ހިމެނުމަށް ހާއްސަ ކުރެވިފައިވާ ޖާގައަށް ވާދަކުރި ކުޅުންތެރިންގެ ތެރެއިން ޖޫނިއަރ ސިލެކްޝަން ކާމިޔާބުކުރުމުގެ އިތުރުން ޖޫނިއާ ކުޅުންތެރިއާ ސިލެކްޓު ކުރުމަށް ހެދި ކްރައިޓީރިއާ އިންވެސް އެންމެ ގިނަ މާރކްސް ހޯދައިގެން ޤައުމީ ޓީމުގެ ހަތަރުވަނަ ޖާގަ ކަށަވަރުކޮށްފައި ވަނީ މަޖީދިއްޔާ ސުކޫލުގައި ކިޔަވަމުން އަންނަ އުމުރުން ފަނަރަ އަހަރުގެ ހުސެއިން ފާރިހެވެ. މިއީ ކެރަމްގެ ތާރީހުގައި މިއުމުރުގެ ކުޅުންތެރިއަކަށް ފިރިހެން ކެރަމް ޓީމުން ޖާގަ ލިބުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކުރެވެ އެވެ.
ފިރިހެން ޓީމުގެ އިތުރުން މިމަހު 23 ގައި ވަނީ ޤައުމީ އަންހެން ކެރަމް ޓީމަށް ހޮވުނު ކުޅުންތެރިންގެ ނަންތައްވެސް އިއުލާނުކޮށްފަ އެވެ. ޤައުމީ އަންހެން ކެރަމް ޓީމަށް ހޮވިފައި ވަނީ އައިޝަތު ފައިނާޒު (26އ)، އައިމިނަތު ވިދާދު (16އ)، އައިޝަތު ޝަޒްނާ (32އ) އާއި އައިމިނަތް ނިފާޝާ (22އ) އެވެ.
2008 ވަނަ އަަހަރު ފުރާންސްގައި އޮތް ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމު ކަމުގައިވާ ޝްރީލަންކާގައި މިއަހަރު އޮކްޓޯބަރު 31 އިން ނޮވެމްބަރު 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާނެކަމަށް ބެލެވިފައި ވަނީ ދިވެހިރާއްޖެ، އިންޑިއާ، ޝްރީލަންކާ، ޖަރުމަން، އިޓަލީ، ފްރާންސް، ސްޕެއިން، އިންގްލެންޑް، ޔޫ.އެސް.އޭ، ކެނެޑާ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، އޮމާން، ޔޫ.އޭ.އީ އެވެ. ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެގެ ފިރިހެން ޓީމު އޮތީ ހަތަރު ވަނާގައެވެ. އަދި އަންހެން ޓީމު އޮތީ ތިން ވަނައިގައެވެ.