27 Sep 2012, 13:42
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ކަނޑުމަތިން 40 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މީހާ ހައްޔަރުކުރީ މާލެ އިން ފުރައިގެން ސ. ހިތަދުއަށް ދިޔަ ބޯޓަކުން މަސްތުވާތަކެއްތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި ވާދޫ ކަނޑުމަތިން ދޯނި ހުއްޓުވައި ހައްޔަރުކުރި އުމުރުން 40 އަހަރުގެ މީހާގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 90 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 28 ރަބަރު ޕެކެޓާއި 25 ސެލޯފިން ކޮޅާ އެކު މ. ކޮޅުފުށިން 23 އަހަރާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރު ކުރީ ކޮޅުފުށިން ކަމަށެވެ.
އަދި މިދިޔަ އޮގަސްޓް 30 ވަނަ ދުވަހުން ފެށިގެން ބޮޑު ޢީދު ނިމެންދެން ރ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 17 ރަބަރު ޕެކެޓާ އެކު އުމުރުން 21 އަހަރުގެ މީހަކު މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 17 ރަބަރު ޕެކެޓް ވެސް ފެނިފައިވަނީ ހައްޔަރު ކުރި މީހާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު ކަމަށް ފުލުހުން ބުނެ އެވެ. އަދި މަސްތުވާތަކެތި ޕެކް ކުރުމަށް ބޭނުންކުރާ ޒާތުގެ 81 ރަބަރު ޕެކެޓާއި ނުރައްކާތެރި ހަތިޔާރުގެ ގޮތުގައި ބެލެވޭ ކްލިޕް ވަޅިއެއް ވެސް ވަނީ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.