ޕާކިސްތާނަށް ކިޔަވަންދާ ދިވެހި ދަރިވަރުންގެ ވިސާގެ ކަންތައްތައް މިހާރަށް ވުރެ ފަސޭހަ ކުރުމަށް ދިވެހިސަރުކާރުން އެދިއްޖެ އެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް އޮފް ޕާކިސްތާނުން މިއަދު ބުނީ ރާއްޖެ އިން އެ ގައުމަށްދާ މީހުންގެ ވިސާގެ ކަންތައް ފަސޭހަ ކުރުމަށް އެދިވަޑައިގެންނެވީ މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ކަމަށެވެ.

އެނޫސް ބުނީ ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީގައި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހުޖަހާން ޔޫސުފާ އެކު އާމިނަތު އަލީ ކުރެއްވި މަޝްވަރާގައި، ޕާކިސްތާނުގެ އިސްޓްޓިއުޓްތަކަށް ވަންނަން ބޭނުންވާ ދިވެހި ދަރިވަރުން ވިސާ ހޯދަން އޮންނަ އުސޫލު މިހާރަށް ވުރެ ފަސޭހަކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އަދި ބުނީ ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ހުޅުވާލާފައިވާ ޝަރީއާ އެންޑް ލޯ ދާއިރާގެ ކޯސްތަކާއި ސައިންސާ ޓެކްނޮލޮޖިގެ ދާއިރާ އިން ކިޔެވުމަށް ޕާކިސްތާނުގައި ހުރި ފުރުސަތުތަކަށް ރާއްޖޭން ޝައުގުވެރިވާ ކަމަށް ވެސް އާމިނަތު އަލީ ވިދާޅުވި ކަމަށެވެ.

ވިސާގެ ކަންތައް ފަސޭހަ ކުުރުމާ މެދު ޕާކިސްތާނު ސަރުކާރުގެ ބަހެއް އެހަބަރުގައި ނުވެ އެވެ.