27 Sep 2012, 12:17
އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ލޯކަލް ގަވަރުމަންޓް އޮތޯރިޓީން މިއަދު ހުޅުވާލާފައިފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކޮންމެ ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަޖެހޭ "އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ" އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް އެލްޖީއޭ އިން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ.
އެލްޖޭ އިން އިން މިއަދު ކުރި އިއުލާންގައި ބުނެފައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިންތިހާބަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހަޅަން ޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށާއި ވޯޓުލާ ދުވަހު ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އަންހެނުންގެ ކޮމެޓީތައް ހިންގުމަށާއި ކޮމެޓީތަކުގެ މެންބަރުންނަށް އެލަވަންސް ދޭންޖެހޭނެ ކަމަށް އެ ގާނޫނު ލާޒިމް ކޮށްފައެއްނުވެ އެވެ. ނަމަވެސް އެ ކޮމެޓީ އަށް އެލެވަންސް ދިނުމުގެ ފުރުސަތު ކައުންސިލްތަކަށް އޮންނާނެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.
އަދި އެ ކޮމެޓީތައް ހިންގުމަށާއި ކޮމެޓީތަކުގެ މެންބަރުންނަށް އެލަވަންސް ކޮންމެހެން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި ޑީއާރްޕީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވަނީ އެދިފަ އެވެ.