27 Sep 2012, 12:14
ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ނައިޖީރިއާގެ 908 އަންހެނުން ސައުދީ ސަރުކާރުން ހައްޔަރުކޮށްފި އެވެ.
ޖިއްދާ އެއާޕޯޓުގައި ނައިޖީރިއާގެ އަންހެނުންތައް ހައްޔަރުކުރީ އިސްލާމީ އުސޫލާ އެއްގޮތަށް ފިރިމީހާ ނުވަތަ މަހުރަމަކާ އެކު ނޫން ގޮތަކަށް ދަތުރުކުރާތީ ކަމަށް ނައިޖީރިއާގެ ހައްޖުކޮމިޝަނާ ހަވާލާދީ ޓައިމްސް ނޫހުން ބުންޏެވެ.
ނައިޖީރިއާގެ ހައްޖު ކޮމިޝަނުން އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަށް ހުށައެޅި ރިޕޯޓެއްގައި ބުނެފައި ވަނީ ޖިއްދާ އެއާޕޯޓްގައި ހައްޔަރުކުރި ނައިޖީރިއާ އަންހެނުންގެ ތެރޭގައި ސިއްހީ އަވަސް ފަރުވާ ބޭނުންވާ މީހުން ވެސް ހިމެނޭ ކަމަށެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުން ޖިއްދާގައިވާ ކިންގް އަބުދުލް އަޒީޒު އެއާޕޯޓަށް ދިޔަ އަންހެނުންނަށް އެ މައްސަލަ ދިމާވި ނަމަވެސް މަދީނާގައި އޮންނަ ކުޑަ އެއާޕޯޓަކަށް ދިޔަ މީހުންނަށް މައްސަލަ ދިމައެއް ނުވެ އެވެ.
ނަމަވެސް ނައިޖީރިއާގެ ދެކުނުގައިވާ ކާނޯގެ މަލަމް އަމީނު ކާނޯ އެއާޕޯޓްގައި އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިއަކާ ވާހަކަ ދައްކަވަމުން ނައީޖީރިއާގެ ފުވައިބާ މުހައްމަދު ބުނީ މަދީނާ އެއާޕޯޓުން އޭނާއާ އެކު ނައިޖީރިއާގެ އެތައް އަންހެނުންނެއް ވަނީ ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.
ނައިޖީރިއާގެ އޮފިޝަލުން ބުނެފައި ވަނީ ސައުދީ އޮފިޝަލުން މިއަހަރު މާ ހަރުކަށި ކަމަށެވެ. ހައްޖުވެރިންގެ މައްސަލައިގާ މިދެގައުމުގެ ގުޅުން ގޯސްވާނެ ކަަމަށް ބެލެވިފައި ވާއިރު ސައުދީ ސަރުކާރުން އަދި މިމައްސަލައިގާ އެއްޗެއް ބުނެފައެއް ނުވެއެވެ.