ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ތިންވަނަ ޑިވިޝަންގެ ގްރޫޕް އެކެއްގައި ރޭ ކުޅުނު މެޗް އެލްކިއު ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފިއެވެ.

މިމެޗް އެލްކިއު ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ ވާދަވެރި ގްޑީސް ސްޕޯޓްސް ކުލަބާއި ވާދަކޮށް 31 ޕޮއިންޓް 21 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެލްކިއު ސްޕޯޓްސް އަށް ފަސް ޕޮއިންޓު ކާމިޔާބު ކޮށްދިން އަބްދުﷲ އަފްސަލެވެ.

މިދިޔަ އަންގާރަ ދުވަހު ފެށި މިމުބާރާތުގެ ފުރަތަމަ މެޗުގައި ޓީރެކްސް ސްޕޯޓްސް އެކަޑަމީގެ މައްޗަށް ބައުސް ސްޕޯޓްސް ކްލަބް ކުރިހޯދީ 63 ޕޮއިންޓް، 22 ޕޮއިންޓުންނެވެ.

ޖުމްލަ ދިހަ ޓީމެއް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިޔަށްދާނީ ދެގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ، ބައުސް ސްޕޯޓްސް ކްލަބާއި ޓީރެކްސް ސްޕޯޓްސް އެކަޑަމީގެ އިތުރުން، ގޫޑީސް ސްޕޯޓްސް ކްލަބާއި، އެލްކިއު ސްޕޯޓްސް ކްލަބުގެ އިތުރުން ޑީ ބާސްކެޓްބޯޅަ ކްލަބެވެ. ގްރޫޕް ދޭއްގައި ހިމެނެނީ، ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް އެޗްޑީސީގެ އިތުރުން، ބީޖީ ސްޕޯޓްސް ކްލަބާއި، ކްލަބް ސްޓެޓިކް އަދި ވިޔަންސާއެވެ.

ގްރޫޕް ސްޓޭޖްގެ މެޗްތަކަށްފަހު ކޮންމެ ގްރޫޕަކުން ކުރިހޯދާ ދެޓީމަކަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވާނެއެވެ.
އަންނަ މަހުގެ އެގާރަވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިޔަށްދާނީ ކުޅިވަރު އެކުވެނީގެ އައުޓްޑޯ ކޯޓުގައެވެ. އެހެންނަމަވެސް މިމުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ކުޅޭނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ ދަ ބައުސް ސްޕޯޓްސް ކުލަބާއި ޑީ ބާސްކެޓް ބޯލް ކުލެބެވެ. އަދި މި ރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޔުނައިޓެޑް ވިކްޓަރީ އާއި ވިޔަންސާއެވެ.