އިލެކްޝަންސް ކޮމިޝަންގައި ގާއިމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ތެރެއިން ޕީޕީއެމް ވިޔަވައި އެހެން ހުރިހާ ޕާޓީއެއްގެ މެމްބަރުންގެ އަދަދު އަނެއްކާ ވެސް މަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ތަފާސު ހިސާބުތަކުން ދައްކައިފި އެވެ.

އެ ކޮމިޝަންގެ ވެބްސައިޓްގައި މިދިޔަ އާދީއްތަ ދުވަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕީޕީއެމަށް 149 މެމްބަރުން އިތުރުވެ، އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 17533 އަށް އަރައިފަ އެވެ. އަދި އެ ޕާޓީން ހުށަހަޅަައިފައިވާ ފޯމްތަކުގެ ތެރެއިން ޗެކްނުކުރެެވި 461 ފޯމް ހިމެނޭ ކަމަށް ވެސް ތަފާސު ހިސާބުތަކުން ދައްކަ އެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މެމްބަރުން ގިނަ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 16 މެމްބަރުން މަދުވެ، އެ ޕާޓީގެ ޖުމްލަ މެމްބަރުންގެ ގޮތުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ އަދަދަކީ 48467 އެވެ. އަދި އެ ޕާޓީން ހުށަހަޅައިފައިވާ ފޯމްތަކުގެ ތެރެއިން 304 ފޯމް މިހާތަނަށް ޗެކްނުކުރެވި ހުރި ކަމަށް ވެސް ދައްކަ އެވެ.

ޑީއާރްޕީގެ މެމްބަރުންގެ ތެރެއިން 89 މެމްބަރުން މަދުވެފައިވާ ކަަމަށް ދައްކާ އިރު އެ ޕާޓީގެ ޖުމްލަ މެމްބަރުންގެ ގޮތުގައި މިހާރު ތިބީ 26978 މެމްބަރުންނެވެ. އެ ޕާޓީން ހުށަހަޅައިފައިވާ 121 ފޯމް ޗެކްނުކޮށްވާ ކަމަށް ވެސް ރެކޯޑްތަކުން ދައްކަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި 15 ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާ އިރު ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން މަދުވެ، އެ ޕާޓީގެ ޖުމްލަ މެމްބަރުންގެ އަދަދު ވަނީ 6400 އަށް ދަަށަށް ގޮސްފަ އެވެ. އަދި އެ ޕާޓީން ހުށަހަޅައިފައިވާ 2298 ފޯމް އަދި ހުރީ ޗެކްނުކޮށެވެ.

އަދާލަތު ޕާޓީގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 5828 އެވެ. އެޕާޓީން ހުށަހަޅައިފައިވާ 51 ފޯމް ޗެކް ނުކުރާ ފޯމްތަކުގެ ގޮތުގައި ހިމެނޭ ކަމަށް އިލެކްޝަނުން ބުންޏެވެ.