27 Sep 2012, 11:11
ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށް ފުރުސަތެއް ލިބިއްޖެނަމަ، އެއްވެސް ކުޅުންތެރިއަކު އެކަމަށް ނޫނެކޭ ނުބުނާނެކަމަށް މިސީޒަނުގައި އެކުލަބާއި އަލަށް ގުޅުނު ކެމަރޫން މިޑްފީލްޑަރު އެލެކްސް ސޯންގް ބުނެފިއެވެ.
މިސީޒަނުގައި އާސެނަލް ދޫކޮށް، ބާސާއާއި ގުޅުނު ސޯންގްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެއީ ސޯންގް ވެސް އާސެނަލް ދޫކުރީ ފައީސާއަށް ކަމަށްބުނެ އެވެ. އާސެނަލް ދޫކޮށްލަން ނިންމި ނިންމުން ވެގެންދިޔައީ ސޯންގްއަށް އުނދަގޫވެގެންދިޔަ ނިންމުމެއް ކަމުގައި އޭނާ ބުނެފައިވެއެވެ.
"ބާސާއިން ކުޅުންތެރިއަކު ހޯދަން ބޭނުންނަމަ، އެ ހުށަހެޅުމަށް ފުރަގަހެއް ނުދެވޭނެ. ބާސާއިން ކުރިއަށްގެންދާ ފަރިތަކުރުންތަކުގައި ބައިވެރިވާން ލިބޭނީ ހަޔާތުން އެންމެ ފަހަރަކު. އެހެންކަމުން ބާސާގެ ހުށަހެޅުން ގަބޫލުކުރަން ޖެހޭނެ." ސޯންގް ބުންޏެވެ.
އާސެނަލްގެ ކޯޗް އާސެން ވެންގާއާއި އަލްވަދާޢު ކިޔަން ވަރަށް އުނދަގޫވި ކަމުގައިވެސް ސޯންގް ބުނެފައިވެއެވެ.
"ބާސާއިން އަހަރެން ހޯދަން މަސައްކަތްކުރާކަން ފުރަތަމަ އެނގުނީ ޖުލައި މަހު. އެމީހުން އާސެނަލްއާއި ވާހަކަދެއްކި. އަދި އާސެން ވެންގާ އެވާހަކަ އަހަރެން ކައިރީ ބުނި. ނަމަވެސް އެވަގުތު އަހަރެންނަށް ނިންމުމެއް ނިންމަން ވަރަށް އުނދަގޫވި. އެއީ ވެންގާއަކީ އަހަރެންގެ އެންމެ 17 އަހަރުގައި އަހަރެންނަށާއި އަހަރެންގެ އާއިލާއަށް އެހީތެރިވި މީހަކީ." ސޯންގް ބުންޏެވެ.
ސޯންގްވަނީ އަންނަމަހު ލަލީގާގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ސްޕެނިޝް ލަލީގާގައި ކުޅޭ ކްލެސިކޯ މެޗާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
"އަހަރެންނަކަށް ނޭނގޭ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގައި ކުޅެން އަރުވާނެކަމަށް. ކާލޮސް ޕުޔޯލްއާއި ޖެރާޑް ޕީކޭއާއެކު އަހަރެމެންގެ ޓީމް އިތުރަށް ވަރުގަދަވާނެ. ކޯޗު އަހަރެން ބޭނުންނަމަ، އަހަރެން ހުންނާނީ ތައްޔާރަށް. ޕްރެމިއަރ ލީގުގައިވެސް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެކޮޅަށް އަހަރެން ކުޅުނިން." ސޯންގް ބުންޏެވެ.
މިސީޒަން ފެށުނުއިރު ސްޕެއިންގެ ވާދަވެރި ދެކުލަބުކަމަށްވާ ބާސާއާއި މެޑްރިޑް ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. ސްޕެނިޝް ސުޕަކަޕްގައި ވާދަކުރި ފުރަތަމަ މެޗް ބާސާއިން ކާމިޔާބުކުރިއިރު، ދެވަނަ މެޗު ކާމިޔާބުކުރީ މެޑްރިޑުންނެވެ. އަދި އެގްރިގޭޓުން ސުޕަކަޕް ކާމިޔާބުކުރީ މެޑްރިޑުންނެވެ. ލަލީގާގައި މިދެޓީމް ބައްދަލުކުރާ މެޗު އޮތީ އަންނަމަހު ހަތްވަނަ ދުވަހު ބާސާގެ ދަނޑުގައެވެ.