މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ގައުމީ އެއިޓް ބޯލްސް ޗެންޕިއަންޝިޕް ހުސެން ފަޔާޒް ކާމިޔާބު ކޮށްފިއެވެ.

ބައްތިރީސް ކުޅުންޔެރިންނާއެކު، ފެށި މުބާރާތުގެ ޗެމްޕިއަންކަން ފަޔާޒް ހޯދީ ގަލޮޅުގައި ހުންނަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގައި ރޭ އޮތް ފައިނަލް މެޗުގައި އިބްރާހިމް ޝަރީފުއާއި ވާދަކޮށް 9 – 7 އިންނެވެ.

ރޭގެ ފައިނަލް މެޗަށްފަހު މުބޜާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތައް ވަނީ ހޮވައިފައެވެ. އެގޮތުން މުބާރާތުގެ ދެ ވަނަ ހޯދީ އިބްރާހިމް ޝަރީފެވެ. އަދި މުބާރާތުގެ ތިން ވަނަ އަލީ ފާޔާޒް ހޯދި އިރު، ހަތަރު ވަނައަށް ދިޔައީ މުހައްމަދު ޝަރީފެވެ.

މުބާރާތުގެ އެންމެ ގިނަ ރަން އައުޓު އަދި ބްރޭކް ރަން އައުޓު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހުސެން ފަޔާޒް އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ނުވަ ރަންއުއުޓު ޖަހާފައެވެ. މީ މިމުބާރާތް ހުސެން ފަޔާޒް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
މިމަހުގެ 20 އިން 26 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރި ކުޅުންތެރިންގެ ތެރޭގައި ގައުމީ ރޭންކިންގައި އެކަކުން 16 އަށް ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ވާދަކުރިއެވެ. އަދި މި މުބާރާތުގައި ވާދަކޮށްފައި ވަނީ ސޯޅަ އަހަރުން މަތީގެ ކުޅުންތެރިނެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެއިޓް ބޯލްސް ޗެންޕިއަންޝިޕް ކުޅެވެނީ ޖުމްލަ 32 ކުޅުންތެރިންގެ މައްޗަށް ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ.