27 Sep 2012, 11:09
އާޖެންޓީނާ އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީއާއި ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިޔާ ނޭމާ، ބާސެލޯނާއަށް ކުޅޭތަން ބަލަން ބޭނުންވާކަމަށް އެކުލަބުގެ ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފިއެވެ.
ނޭމާ މިހާރު ކުޅެމުންދާ ބްރެޒިލްގެ ކްލަބް ސަންތޯސް ދޫކޮށްލާއިރު، ބާސާއާއި ގުޅޭނެކަމަށް އުންމީދުކުރާކަމަށްވެސް އަލްވޭސް ބުނެފައިވެއެވެ.
"ނޭމާ ބާސާއާއި ގުޅޭނެކަމަށް އުންމީދުކުރަން. މެސީއާއި ނޭމާއާ އެކުގައި ބާސާއަށް ކުޅޭތަން ބަލައިލަން އަހަރެން ބޭނުން. ނޭމާ މިކްލަބަށް ވަރަށް ރަނގަޅަށް ފިޓްވާނެ. އޭރަށް ބާސާގައި ދުނިޔޭގެ އެންމެ މޮޅު ދެ ފޯވާޑުން ހިމެނޭނެ." އަލްވޭސް ބުންޏެވެ.
ބާސެލޯނާގެ ކޯޗުކަމުން ޕެޕް ގާޑިއޯލާ ދުރުވިޔަސް މިހާރު ޓީމް އޮތީ ރަނގަޅު ކޯޗެއްގެ ދަށުގައިކަމަށްވެސް އަލްވޭސް ބުންޏެވެ.
"ގާޑިއޯލާ ޓީމް ހަވާލުކުރީ ރަނގަޅު މީހަކާ. ޓިޓޯ ވިލަނޯވާ އާ ޕްލޭންތަކެއް ގެންގުޅެދާނެކަމަށް އަހަރެމެން ބިރުގަތް. ނަމަވެސް އެއްވެސް ކަމަކަށް ބަދަލެއް ނާދެ." އަލްވޭސް ބުންޏެވެ.
ބާސާއިން ވަނީ ސްޕެނިޝް ލަލީގާގައި ކުޅުނު ފުރަތަމަ ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. މިވަގުތު އެކުލަބު އޮތީ ލީގުގެ އެއްވަނާގައި ފަނަރަ ޕޮއިންޓާއެކު އެވެ.