ޔުވެންޓަސްގެ އިޓަލީ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ގައުމީ ފުޓްބޯޅައިން ރިޓަޔާކޮށްފިނަމަ، އޭނާގެ ފޯމަށް ފައިދާކުރާނެކަމުގައި ކުރީގެ އޭސީ މިލާންގެ ތަރި ވޮނިމަޔާ ބޮބޭން ބުނެފިއެވެ.

މިސީޒަން ފެށުނުއިރު، ޕިރްލޯގެ ފަރާތުން އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ އޭނާގެ ހަގީގީ ފޯމަށް ނޭޅިގެން އުޅުނު މަންޒަރެވެ. ބޮބޭން ގަބޫލުކުރާގޮތުގައި، ޕިރްލޯގެ އުމުރުގައި ގައުމީ ޓީމަށާއި ޔުވެންޓަސްއަށް ކުޅުމުން އޭނާއަށް ގެއްލުންތަކެއްވާނެ ކަމަށެވެ.
"އަހަރެންނަށް ހީވަނީ މިހާރު ޕިރްލޯ ގައުމީ ފުޓްބޯޅަ ދޫކޮށްލަންވެއްޖެހެން. އޭނާ ގައުމީ ފުޓްބޯޅައާއި ދުރަށްދާން ވެއްޖެ." ބޮބޭން ބުންޏެވެ.

މިދިޔަ އަހަރު ޕިރްލޯ ދެއްކި މޮޅު ކުޅުން މިއަހަރު ފެންނަމުންނުދާކަން ވެސް ބޮބޭން ފާހަކުރިއެވެ. "މިދިޔަ އަހަރު ޕިރްލޯގެ ފަރާތުން ފެނުނު މޮޅު ކުޅުން މިއަހަރު އެބަ އުނިވޭ. އަހަރެންނަށް ހީވަނީ، އެއީ މާ ގިނަ ހިދުމަތްތަކެއް ކޮށްދެން ޖެހޭތީ ދިމާވާ މައްސަލައެއްހެން." ބޮބޭން ބުންޏެވެ.

ޕޮލެންޑާއި ޔޫކްރޭންގައި މިއަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ ގައުމީ ޓީމަށް ޕިރްލޯ ކުޅެފައިވެއެވެ. ޕިރްލޯވަނީ އެމުބާރާތުގައި ހިލޭ ޖެހުމަކުން ރީތި ލަނޑެއް ކާމިޔާބުކޮށްފައެވެ.