ފަގީރުންގެ ގޮތުގައި މާލޭގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ މައްޗަށް ހިނގައްޖެ އެވެ.


އިސްލާމިކް އެފެއާޒުން ބުނި ގޮތުގައި ފަގީރުންގެ ލިސްޓުގައި މިއަހަރު ނުވަހާސް ތިންސަތޭކަ ވިހި މީހުން ރަޖިސްޓްރީކޮށްފައިވާއިރު، މިދިޔަ އަހަރު އެ ލިސްޓުގައި އޮތީ ދެހާސް ހަސަތޭކަ ނުވަ މީހުންނެވެ. މިއީ މިދިޔަ އަހަރުގެ ފަގީރުންގެ ގޮތުގައި ލިސްޓުކޮށްފައިވާ މީހުންނަށް ވުރެ ހަ ހާސް ހަތްސަތޭކަ އެގާރަ މީހުން އިތުރު އަދަދެކެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގައި އުޅޭ ފަގީރުންގެ އަދަދު މިވަނީ އެއް އަހަރު ތެރޭގައި ގާތްގަނޑަކަށް ހަތަރު ގުނައަށް މައްޗަށް ގޮސްފަ އެވެ.


އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހްމަދުﷲ ޖަމީލު ވިދާޅުވީ، ފަގީރުންގެ ގޮތުގައި މާލޭގައި ރަޖިސްޓްރީކުރި މީހުންގެ އަދަދު މިދިޔަ އަހަރަށް ވުރެ މި އަހަރު މައްޗަށް ގޮސްފައި ވަނީ، ފަގީރުންގެ ނަން ނޯޓުކުރުމުގެ މިންގަނޑަށް ގެނައި ބަދަލުތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން ނަން ނޯޓުކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ކަނޑައަޅައި، މިދިޔަ އަހަރުގެ އޯގަސްޓު މަހު އާއްމުކުރި މިންގަނޑާމެދު، އާއްމުން ގިނަ ޝަކުވާތަކެއް ހުށަހަޅަން ފެށުމާ ގުޅިގެން އެ މިންގަނޑަށް ކުޑަ ދުލެއް ދޭން ޖެހުނީ ކަމަށް އަހްމަދުﷲ ވިދާޅުވި އެވެ. އަދި އެ ދެވުނު ދުލާއެކު މިއަހަރު ފަގީރުންގެ ގޮތުގައި ނޯޓު ކުރި މީހުންގެ އަދަދު ގިނަވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ފަގީރުންގެ އަދަދު އިތުރުވުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް ވެސް އެބަހުރި ކަމަށާއި އެކަންތައް ބެލުމަށް ފަހު މީޑިއާ ހިއްސާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރުގެ ކުންފުންޏެއްގައި ތިއްބަވާ، އެކަށީގެންވާ މުސާރައެއް ލިބިވަޑައިގަންނަވާ ދެ ބޭފުޅެއްގެ އާއިލާއިން ވެސް މިފަހަރު ނަން ނޯޓު ކުރަން އައުމުން، އެކަން ކޮށްދޭން ޖެހުނު ކަން އަހްމަދުﷲ ފާހަގަކުރެއްވި އެވެ.


އަހްމަދުﷲ އިތުރަށް ވިދާޅުވީ، ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 2.3 މިލިއަނަށްވުރެ ގިނަ ރުފިޔާ މާލެއިން ލިބިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ އަށްޑިހަ ހަތަރު ހާސް ފައްސަތޭކަ ފަސްދޮޅަސް ނުވަ މީހުން ދެ މިލިއަން ތިން ސަތޭކަ ފަނަރަ ހާސް ހަތަރު ސަތޭކަ ނުވަދިހަ ދެ ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ކަމަށް އަހްމަދުﷲ ވިދާޅުވި އެވެ. މީގެ ތެރޭގައި، އެސްއެމްއެސް އިންނާއި އޮންލައިންކޮށް ވެސް ޒަކާތް ދެއްކި މީހުން ހިމެނެ އެވެ. ނަމަވެސް، ރަށްރަށުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފްސީލު އަދި ނުލިބޭ ކަމަށް ވެސް އަހްމަދުﷲ ވިދާޅުވި އެވެ.


މި އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖައްސާފައިވަނީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. މިދިޔަ އަހަރު ބޮލަކަށް ޖެހިފައިވަނީ ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ ފަންސަވީސް ލާރި އެވެ. ނަމަވެސް، މިއަހަރު ފަގީރުންގެ އަދަދު މައްޗަށް ގޮސްފައިވާތީ، ބޮލަކަށް ޖެހޭ މިންވަރު ދަށަށްދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.