ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެގައުމުން ދައުވަތު ދީފި އެވެ.

ނައިބު ރައީސް ޕާކިސްތާނަށް ވަޑައިގެންނެވުމަށް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ދައުވަތު އެރުވީ ސާކް ހޯމް އިންޓީރިއާ މިނިސްޓަރުންގެ ބައްދަލުުވުމަށް ވަޑައިގެންނެވި އިންޓީރިއާ މިނިސްޓަރު އަބުދުއްރަހުމާނު މާލިކު އެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓްގައި ދެ ބޭފުޅުން އިއްޔެ ބޭއްވެވި ބައްދުކުރެއްވުމުގައި ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ނައިބު ރައީސް މުހައްމަދު ވަހީދުއްދީނަށް ދެއްވި ނަމަވެސް، އެ ދަތުރުފުޅު ކުރައްވާނެ ކަން ނުވަތަ ނޫން ކަން ނައިބު ރައީސް ވިދާޅެއް ނުވެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހެޔޮއެދިވަޑައިގަތުން ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރަށް ރައްދުކުރެއްވި އެވެ.

އިއްޔެގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މާލިކު ވިދާޅުވީ ރާއްޖެ އަކީ އިންސާނީ ހައްގުތަކުގެ ބެކްގްރައުންޑެއް އޮތް ގައުމެއް ކަމަށާއި އެހެން ނަމަވެސް އިންސާނީ ހައްގުތައް ހިމާޔަތް ކުރާ އިރު ބައިނަލްއަގުވާމީ ސުލްހައަށް ހުރަސް އެޅޭ ޓެރަަރިސްޓުންނާ މެދު ކޮންމެވެސް ކަމެއް ކުރަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅުތައް އަޅާ އިރު ހުރިހާ ގައުމެއްގެ ސިޔާދަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

"ފިޔަވަޅު އެޅުމާ މެދު ވާހަކަ ދައްކާ އިރު އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކޮންމެ ގައުމެއްގެ ވެސް ސިޔާދަތަށް އިހުތިރާމް ކުރަން ޖެހޭނެ ކަން. ކޮންމެ ގައުމަކަށް ވެސް އޮންނާނެ އެ ގައުމެއްގެ ގާނޫނު އަސާސީ އަށް އަމަލުކުރުމުގެ ހައްގު،" މާލިކު ވިދާޅުވި އެވެ.

މާލިކު އަދި ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވާ ކޮންމެ ކަމެއްގައި، ކޮންމެ ހިނދެއްގައި ވެސް ދިވެހި ރައްޔިތުންނާ އެކު ޕާކިސްތާނު ވާނެ ކަމަށެވެ. ރާއްޖެ އަށް އެހީތެރި ވެދިނުމުގެ ގޮތުން ޕާކިސްތާނުން ދިވެހި ފުލުހުންނަށް ތަމްރީނު ދޭން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާކް ހޯމް އެންޑް އިންޓީރިއާ މިނިސްޓަރުންގެ ބައްދަލުވުން ބަނޑޮސް އައިލެންޑް ރިޒޯޓްގައި ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ބައިވެރިވެޑައިގެންނެވި އެވެ.