27 Sep 2012, 10:12
އެސްޓީއޯގެ ކުރީގެ ޗެއާމަން ފާރޫގު އުމަރުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތުކޮށް ދައުވާކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ފާރޫގުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅައިފައި ވަނީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި އޭނާ ހުންނެވި އިރު އެސްޓީއޯގެ ސަޕްލަޔަރެއްގެ އަތުން ރިޝްވަތުގެ ގޮތުގައި 19،000 އެމެރިކާ ޑޮލަރު (292،980 ރުފިޔާ) ހޯދާފައިވާ ކަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް އެކޮމިޝަނުން ތަހުގީގުކޮށް ބެލި އިރު ފާރޫގެ އެކައުންޓަށް އެ ފައިސާ ޖަމާކުރެއްވުމަށް ފަހު ބޭނުންކުރައްވާފައިވާ ކަން ސާބިތުވެފައި ވާތީ ކަމަަށެވެ.
އޭސީސީން ބުނީ ފާރޫގު އެ ފައިސާ ހޯއްދަވާފައި ވަނީ އެސްޓީއޯ އަށް ކާޑު ސަޕްލައި ކުރަމުން ދިޔަ ސްރީލަންކާގެ ކުންފުންޏަކުން ކަމަށާއި އެ މައްސަލައިގައި ފާރޫގުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅައިފައި ވަނީ ކޮެރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނު ދެ ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އޭސީސީން ފާރޫގުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށް އެދި ޕީޖީއަށް މިދިޔަ އާދީއްތަ ދުވަހު ހުށަހަޅައިފައިވާ އިރު އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީގެ ނަމުގައި ހަދާފައި އޮންނަ ކުންފުނީގެ ކޯޕަރޭޓް ކްރެޑިޓް ކާޑް ފާރޫގުގެ އަމިއްލަ ބޭނުންފުޅުތަކަށް ބޭނުން ކުރެއްވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން މިދިޔަ އަހަރު ހުށަހެޅި މައްސަލައެއް ވެސް އޭސީސީ އިން ގެންދަނީ ބަލަމުންނެވެ. އެ މައްސަލަ އޭރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ބަލައިފަ އެވެ.
އެސްޓީއޯ އިން އެ މައްސަލައިގައި ބުނެފައި ވަނީ ކޯޕަރޭޓް ކާޑަކީ ކުންފުނީގެ ކާޑެއް ކަމަށާއި އެކާޑުގެ ބޭނުން ކުންފުނީގެ ޗެއާމަންގެ އިތުރުން ކުންފުނީގެ މުވައްޒަފުންނަށް ވެސް ކުންފުނީގެ ޕޮލިސީގެ ތެރޭގައި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ މައްސަލައެއް ހިނގައިފައިނުވާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
ކުންފުނީގެ އެ ކާޑަކީ އަމިއްލަ ބޭނުންތައް ކުރުމަށް އޮންނަ ކާޑެއް ނޫން ކަމަށާއި އެކަމަކީ ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށް އޭރު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ފާރޫގު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ކާޑު ބޭނުން ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.
އެސްޓީއޯގެ ޗެއާމަން ކަމުގެ މަގާމުން ފާރޫގު ވަކިކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ސަރުކާރުގެ ކުންފުނިތައް ރިވައިސް ކުރުމުގެ ގޮތުން އަލުން އެ ކުންފުނިތަކުގެ ބޯޑު އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުންނެވެ.