ބެއިޖިންގް (ސެޕްޓެމްބަރު 27): ޗައިނާގެ އިންފްރަސްޓްރަކްޗާ ވަރުގަދަކޮށް ޒާމާނީ ކުރުމަށް ޓަކައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންގެންދާކަން އެޤައުމުން ހާމަކޮށްފި އެވެ.

ޗައިނާގެ ޢުމްރާނީ ތަރައްޤީއާ ބެހޭ އިދާރާއާ ޙަވާލާދީ އެ ޤައުމުގެ ޒިންހުވާ ނޫސް އެޖެންސީ ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެކަނިވެސް ޗައިނާގެ އިންފްރަސްޓްރަކްޗާ ވަރުގަދަކޮށް ޒާމާނީ ކުރުމުގެ މަޝްރޫޢުތަކަށް 794 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރެވިފައިވާ ކަމުގަ އެވެ. ޗައިނާގެ އިންފްރާސްޓްރަކްޗާ ދުނިޔޭގައި ޢުމްރާނީ ގޮތުން އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލެވެލްއަށް ގެންދިޔުމުގެ ދިގު މުއްދަތުގެ ޕްލޭނެއް ޗައިނާ ގެންދަނީ ތަންފީޒުކުރަމުންނެވެ.

މިޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ މަގުތަކާއި ސަބްވޭތަކާއި އިލެކްޓްރިކް ރޭލްގެ ފަދަ ޒަމާނީ ޓްރާންސްޕޯޓްގެ ވަސީލަތްތައް ޗައިނާގެ ކަންކޮޅުތަކުގައި ތަރައްޤީ ކުރުމަށެވެ. މީގެ އިތުރުން އެއަޕޯޓްތަކާއި ކަނޑުގެބަނދަރުތަކާއި ބްރިޖްތަކާއި ފާޚާނާއާއި ނަރުދަމާގެ ނިޒާމްތަކާއި ރައްކާތެރިގޮތުގައި ކުންޏާއި ފެކްޓްރީތަކުން ނެރޭ ކެމިކަލް ފަދަ މާއްދާތައް ނައްތާލުމުގެ ވަސީލަތްތައް ބިނާކުރުމުގެ މަޝްރޫޢުތައް ވެސް މިޕްލޭންގައި ހިމެނެ އެވެ. ޢުމްރާނީ ތަރައްޤީގެ މިޕްލޭން ތަންފީޒުކުރުމަށް އެތައް ޓްރިލިޔަން ޑޮލަރެއް ޚަރަދުވާނެ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާ އިން ވަނީ އަންދާޒާކޮށްފަ އެވެ. މިފައިސާގެ ދެބައިކުޅަ އެއްބައި ޚަރަދުކުރާނީ ޗައިނާގެ އެކި ސަރަޙައްދުތަކުގައި އުފައްދާފައިވާ ލޯކަލް ސަރުކާރުތަކުންނެވެ. އަނެއްބައި ހޯދުމަށް ހަމަޖެހިފައި ވަނީ ބޭރުގެ އިންވެސްޓްމަންޓްތަކުންނާއި ޓީ ބިލް ވިއްކައިގެންނާއި އެކިއެކި ލޯންތައް ނަގައިގެންނެވެ.

މިއަހަރުގެ ޖަނަވަރީ އިން ފެށިގެން ޖުލައި މަހާ ދެމެދު ވެސް ދުނިޔޭގެ އެކިޤައުމުތަކުގެ ކުންފުނިތަކުންނާއި ވިޔަފާރިވެރިން ޗައިނާގައި 66.7 ބިލިޔަން ޑޮލަރު އިންވެސްޓް ކޮށްފައިވާ ކަމަށް ޗައިނާގެ ވިޔަފާރި އާއި އިންވެސްޓްމަންޓާ ބެހޭ ވުޒާރާ އިން ބުނެ އެވެ. (ޖަރުމަނު ނޫސްއެޖެންސީ)