27 Sep 2012, 09:54
ޓެލްއަވީވް (ސެޕްޓެމްބަރު 27): އިސްރާއީލާއި އިސްރާއީލަށް ތާއީދުކުރާ ޤައުމުތަކުން އދ.ގެ ތެރެއިން އީރާނަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އީރާނުގެ ރައީސް އަޙްމަދީ ނެޖާދަށް އިންޒާރުކުރައްވައިފި އެވެ.
ޔަހޫދީންގެ ޢީދެއްކަމަށްވާ "ޔޯމްކީޕޫރު"ނުވަތަ ޢީދުލްޣުފްރާންގެ ނަމުގައި ޔަހޫދީން ފާހަގަކުރާ ޢީދުގެ މުނާސަބަތުގައި އިސްރާއީލުގެ ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ނަތަނިޔާހޫ ވިދާޅުވީ އީރާނުގެ ރައީސް އަހްމަދީ ނެޖާދަކީ "ޓައިރަންޓެއް" (ހަރުކަށި ވެރިއެއް) ކަމަށާ އދ.ގެ ތެރެއިން ނެޖާދަށް ވަރުގަދައަށް ރައްދުދެއްވާނެ ކަމުގަ އެވެ. ނަތަނިޔާހޫ މިހެންވިދާޅުވެ އިސްރާއީލުގެ ރައްޔިތުންނަށް ޚިތާބުދެއްވާފައި ވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަޤްރީރުކުރެއްވުމަށްޓަކައި އިއްޔެ ނިޔުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިންނެވެ.
ނަތިނިޔާހޫ ވިދާޅުވީ އީރާނުގެ އިސްލާމީ އިންޤިލާބީ ނިޒާމަށް ވުރެ އިސްރާއީލާ ދުޝްމަން އަދި އިސްރާއީލަށް ނުރައްކާއެހެން ޤައުމެއްނެތް ކަމަށާއި އީރާނަކީ އިސްރާއީލު ދެމިއޮތުމަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކާކަމުގަ އެވެ.
އިސްރާއީލު ނައްތާލުމަށް ފާޅުގައި ގޮވާލުމުގެ ފުރްސަތު އދ.ގެ ޖެނެރަލް އެސެމްބްލީގެ މިންބަރުގެތެރެއިން ރައީސް އަޙްމަދީ ނެޖާދަށް ލިބިގެން ހިނގައްޖެ ކަމުގަ އެވެ. އަދި މިފުރްސަތު ބޭނުންކުރައްވައިގެން އިސްރާއީލުގެ ދައުލަތް ދަންޖައްސައި މެރުމަށް މުޅިދުނޔޭގެ ކުރިމަތީގައި އދ.ގެ މިންބަރުގައި ހުންނަވައިގެން ނެޖާދް ގޮވާލައްވާފައިވާ ކަމަށް ނަތަނިޔާހޫ ވިދާޅުވި އެވެ. އީރާނުގެ ނިޒާމަކީ "އަނިޔާވެރި" ނިޒާމެއް ކަމަށް ސިފަކުރައްވަމުން ނަތަނިޔާހޫ ވިދާޅުވީ ނެޖާދް އިސްރާއީލު ނައްތާލުމަށް އދ.ގެ ހުންނަވައިގެން ގޮވާލެއްވި ދުވަހަކީ އދ.ގެ ތާރީޚުގައި ކަޅުދުވަހެއް ކަމަށާ ނެޖާދްގެ ވާހަތައް އަޑުއަހަން އެތާނގައި ތިބި ފަރާތްތަކުގެ ޙާލަތާ މެދު ހިތާމަކުރައްވާކަމުގަ އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އިސްރާއީލަށް ވަފާތެރި ޤައުމުތަކުގެ މަންދޫބުން ނެޖާދްގެ ވާހަކަތައް އަޑުނާހައި ޖެނެރަލް އެސެމްބްލީގެ މާލަމުން ނުކުމެގެން ދިޔަކަމަށް ނަތަނިޔާހޫ ވިދާޅުވި އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަޤްރީރުގައި ނެޖާދް ވަނީ އިސްރާއީލުގެ ނަމުގައި ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ ޔަހޫދީ ދައުލަތަކީ ޔޫރަޕްގެ އިސްތިއްމާރީ ބާރުތަކުން އުފައްދާފައިވާ އެސަރަޙައްދަށް ބީރައްޓެހި އަދި މެދުއިރުމައްޗާ ގުޅުމެއްނެތް އެންޓިޓީއެއް ކަމުގައި ވިދާޅުވެފަ އެވެ.
އެ ގޮތުން އިސްރާއީލަކީ މެދުއިރުމަތީގެ ތާރީޚުގައި ހިމެނިފައިނުވާ އިސްތިޢްމާރީ އަނިޔާވެރި ޣައިރު ޤާނޫނީ ދައުލަތެއް ކަމަށާއި އެދައުލަތް ނައްތާލަން ޖެހޭ ކަމަށް ނެޖާދް ވިދާޅުވި އެވެ. ނެޖާދްގެ ވާހަތައް ބޮއިކަޓްކުރީ އެމެރިކާއާއި އޮސްޓްރޭލިޔާ އާއި ކެނެޑާ ފަދަ ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުފޫޒުގައިވާ ޤައުމުތަކެވެ. (ނޫސްއެޖެންސީތައް)